އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލަ އަށް ސަމާލުކަމެއް ނެތް ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް އެއްވެސް ސަމާލު ކަމެއް ނުދެއްވާ ކަމަށާއި މިވަގުތު މުހިންމީ އާ ސަރުކާރާ ހަވާލުވުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.

Ad
rt

"އަޅުގަނޑުމެންގެ މާބޮޑު ސަމާލުކަމެއް ނެތް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަކަށް." އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލައިގައި އަމަލުކުރާނޭ ގޮތެއް ޕީޕީއެމް/ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުން ނިންމަވާނެ ކަމަށެވެ.

ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށް، މަޖިލިހަށް ހުށަހެޅީ މި ހަފްތާގެ ތެރޭގައެވެ. އެންމެ ފަހުން، އެ މައްސަލަ މަޖިލިހަށް ހުށަހަޅާފައިވަނީ 48 މެމްބަރުންގެ ސޮޔާއެކުގައި މިދިޔަ ހޯމަ ދުވަހުއެވެ.

މަޖިލިހަށް ހުށަހެޅި ގަރާރުގައި ވަނީ މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި މަޖިލީހުގެ ތަޅުމަށް ކަންކަން ގެނައުމުގައި ނަޝީދުގެ އަމިއްލަ މަސްލަހަތު އިސްކޮށް ވަކި ފަރާތަކަށް ބުރަވެ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަންކަން ނިންމަމުންދާ ކަމަށެވެ. މަޖިލީހުގެ ނިޒާމު ހިފެހެއްޓުމުގެ ބަދަލުގައި މަޖިލީހުގެ ނިޒާމު ގެއްލުވާލުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ނަޝީދު ވާގިވެރިވަމުން ގެންދާ ކަމަށް ވެސް އެމްޑީޕީން ތުހުމަތު ކުރެއެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލިސް އެތައް ދުވަހެއް ވަންދެން ހުއްޓުވާފައި ބޭއްވުމަށް ފަހު، ނަޝީދު ނިސްބަތްވާ ޕާޓީގެ އަދި އެ މަނިކުފާނުގެ މަސްލަހަތު އޮތް މައްސަލަތަކެއް މަޖިލީހަށް ތާވަލު ކުރުމަށް ފަހު އެ މައްސަލަ ކުރިއަށް ގެންދިއުމަށް ޖަލްސާތައް ބާއްވާފައިވާ ކަމަށް އެ ގަރާރުގައިވެއެވެ.

"އިސްވެ ބަޔާންކުރެވުނު ކަންކަމާއި ސަބަބުތައް އެހެން ހުރުމުން، ރައީސް މުހައްމަދު ނަޝީދަށް ކުރަމުން އައި އިތުބާރު ގެއްލިއްޖެ ކަމަށް އަހުރެމެންނަށް ފެންނަ ހިނދު، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް އަހަރެމެން ސޮއި ހުށަހަޅަމެވެ،" ގަރާރުގައިވެއެވެ.

މިއީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހަޅާ ދެވަނަ ފަހަރެވެ.

މަޖިލިހުގެ ރައީސް ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށްޓަކައި މިދިޔަ ޖޫން މަހު 54 މެމްބަރުންގެ ސޮޔާއެކު މަޖިލިހަށް ހުށަހެޅިއެވެ. އެކަމަކު މިދިޔަ މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު، އެމްޑީޕީން ވަނީ އެ މައްސަލަ އަނބުރާ ނަގައިފައެވެ.

މަޖިލީހުގެ ރައީސް މަގާމުން ދުރު ކުރެވޭނީ އިތުބާރު ނެތްކަމުގެ ވޯޓުގައި މަދުވެގެން 45 މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އެމްޑީޕީގައި މިހާރު ވެސް 50 އަށް ވުރެ ގިނަ މެމްބަރުން އެބަތިއްބެވިއެވެ.