އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެ ދައުރު ދިނުމަކީ ބޭނުންވާ ގޮތް ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އަބްދުއްރަހީމް ވިދާޅުވީ ކެމްޕެއިންގެ ތެރޭގައި މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދައިދިނުމަށް ކުރާ ފުރަތަމަ މަސައްކަތެއްގެ ގޮތުން މި ހިނގާ ޓްރާންސިޝަން މުއްދަތުގައި ދައުލަތުގެ އިދާރާތަކުގެ ހާލަތު ހުރި ނެތް ގޮތް ވަޒަންކުރަމުން އަންނަ ކަމަށެވެ. އަދި މުއިއްޒު ބޭނުންފުޅުވަނީ ހުރިހާ ވައުދުތަކެއް "ރަނުން ރަނަށް" ފުއްދަން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

Ad
rt

"އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ މިއަންނަނީ 10 އަހަރުގެ ވެރިކަމެއް ކުރަން ޑރ. މުއިއްޒާ އެކީގައި. މި ފަސް އަހަރު ނިންމާފައި ދެން އަންނަ ފަސް އަހަރަކަށް ޑރ. މުޢިއްޒު ގޮވައިގެން އަޅުގަނޑުމެން ކެމްޕެއިނަށް ދާނީ އަޅުގަނޑުމެން ވީ ވައުދުތައް ފުއްދާފައި." އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ވައުދުތައް ނުފުއްދިގެން އިތުރު ފަސް އަހަރު ދެން އަންނަ ސަރުކާރަކުން ނޭދޭނެ ކަމަށާއި ފަސް އަހަރު ފަހުން އެ ރަށަކަށްވީ ވައުދު ކޮބައިތޯ ރައްޔިތުން ސުވާލު ނުކުރައްވާނެ ކަމަށެވެ. އޭގެ ބަދަލުގައި ރައްޔިތުން އަހާނީ 10 އަހަރު ފަހުން ރަށަށް ކޮށްދޭނީ ކޮންކަމެއްތޯ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެހެންވެ، ވެރިކަމަށް މުއިއްޒު ވަޑައިގަންނަވަނީ އެވަރަށް އިތުބާރާއި ޔަގީންކަމާ އެކުގައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ވައުދުތައް ފުއްދުމަށް ބަޖެޓަށް ބޭނުންވާ ކަންކަން ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ. އެގޮތުން މިއަހަރު ބާކީ އޮތްތަނަށް ބޭނުންވާ ސަޕްލިމެންޓަރީ ބަޖެޓަށް ކަންކަން ހުށަހެޅުމަށާއި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް ކަންކަން ހުށަހެޅުމުގެ ފުރުސަތުވެސް މިހާރުގެ ސަރުކާރުން ފަހިކޮށްދީފައިވާކަމަށް ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީން ވެރިކަމަށް އައީ ވަރަށް ގިނަ ވައުދުތަކެއް ވެގެން ކަމަށާއި އެ ވައުދުތައް ފުއްދާ އިރު، ރައްޔިތުންގެ މަޖިލިސް ވެސް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.