ނަފްސާނީ ދުޅަހެޔޮކަން ކޮންމެރައްޔިތަކަށް ވެސް ކަށަވަރު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަގީންކަން ދެއްވީި މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން ސޯޝަލްމީޑިއާގައި އާންމުކުރެއްވި މެސެޖެއްގައެވެ.
އެ މެސެޖުގައި މުއިއްޒު ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަކީ ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭންޖެހޭ އަސާސީ ހައްގެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މީގެ އިތުރުން އެކަން ކުރައްވާނެ ގޮތް ހިއްސާ ކުރައްވާ ވިދާޅުވީ މިހައްގު ކަށަވަރުކޮށްދެވޭނީ ހަމަޖެހޭ ދުޅަހެޔޮ ވެއްޓެއް ގާއިމުކުރުމާ އެކު، އެއްވެސް ހުރަހެއް ނެތް، ނަފްސާނީ ފަރުވާއާއި އެހީތެރިކަން ފަހިކޮށްދީގެން ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގައި މިމަގަށް ސިޔާސަތުތައް ބައްޓަންކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވެސް މުއިއްޒު ވަނީ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ގާނޫނެއް ފާސްކޮށް، ނަފްސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް ހާއްސަކޮށްގެން ބައިނަލްއަގްވާމީ ފެންވަރުގެ ހޮސްޕިޓަލެއް ލ. ގަމުގައި އަޅުއްވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ނަފްސާނީ މައްސަލަތައް ހައްލުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރައްވާފައިވާއިރު، ހެލްތު މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް ވަނީ އުފައްދަވާފައެވެ. އަދި "ކިހިނެތް"ގެ ނަމުގައި ނަފްސާނީ ސިއްހަތަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕޭނެއް ވެސް މިސަރުކާރުން ފެއްޓެވިއެވެ.
ރާއްޖޭގައި ގާއިމުކުރި ނަފްސާނީ ފަރުވާދޭ ފުރަތަމަ މަރުކަޒު "ސެންޓާ ފޯ މެންޓަލް ހެލްތު" އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ހުޅުވައުދެއްވީ ރައީސް ސޯލިހް ވެރިކަމުގައި މާރޗް 2019 ގައެވެ. އަދި އެ ހިދުމަތްތައް އިތުރަށް ފުޅާވެ، ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް މެންޓަލް ހެލްތް ސެންޓަރެއް މިހާރުވަނީ ގާއިމުކޮށްފައެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް އާސަންދަ ސްކީމު ލިބޭ ގޮތް ހަމަޖައްސައިދީ އަތޮޅު ތެރޭގައި މިހާރު ޓާޝަރީ ފެންވަރަށް ތަރައްގީކުރަމުންދާ ފަސް ހޮސްޕިޓަލުގައި ވެސް ނަފްސާނީ ފަރުވާދޭނެ އިންތިޒާމުތައް މިސަރުކާރުން ވަނީ ހަމަޖައްސާފައެވެ.
1992 ވަނަ އަހަރުން ފެށިގެން ބައިނަލްއަގްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު 10 ވަނަ ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!