އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރަން ނިންމައިފިއެވެ.
ޕީޕީއެމް/ޕީއެންސީގެ ފަރާތުން މިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި މުއިއްޒު ގެންދަވަނީ އާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންނެވެ. އިންތިގާލީ މަރުހަލާގައި މިވަގުތު ކުރަމުން އަންނަ އެއް ކަމަކީ ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކަށް ޒިޔާރަތްކޮށް މައުލޫމާތު އެއް ކުރުމެވެ.
އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ ދެން އަންނަ ސަރުކާރެއްގައި ސިޔާސީ މަގާމުތައް 700 އަށްވުރެ އިތުރު ނުކުރުމަށް އިންތިހާބީ ރައީސް ނިންމަވާފައިވާ ކަމަށެވެ. މިއީ މިހާރު އޮތް ސަރުކާރުގެ ސިޔާސީ މަގާމަށްވުރެ މާބޮޑު ތަނުންވެސް މަދު އަދަދެއް ކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.
"މި އަދަދު ނިންމާފައި މިވަނީ ސަރުކާރުގެ ވުޒާރާތަކާއި ރައީސް އޮފީހާއި ރައީސްގެ ގެކޮޅާއި ނައިބު ރައީސްގެ ގެކޮޅުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭހެން،" ފިރުޒުލް ވިދާޅުވިއެވެ.
އެންމެ ފަހުން މި ސަރުކާރުން ހުށަހެޅި ބަޖެޓުގައިވާ ގޮތުން، ނިމިގެންމިދާ ސަރުކާރުގައި 1،063 ސިޔާސީ މުވައްޒަފުން އެބަ ތިއްބެވެ. އޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 808 ސިޔާސީ މުވައްޒަފުން ތިއްބެވެ.
ފިރުޒުލް ވިދާޅުވީ މުއިއްޒު ނިންމަވާފައިވަނީ މަތިބަރު ސަރުކާރަކަށް އެމަނިކުފާނުގެ ސަރުކާރު ނުވުން ކަމަށެވެ. ސިޔާސީ މުވައްޒަފުންގެ އަދަދު އިންތިހާއަށް އިތުރުވެ، އެ މީހުންގެ މުސާރައިގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ބޮޑު އަދަދެއް ހޭދަކުރަން ޖެހުމަކީ ފާޑުކިޔުން އަމާޒުވެފައިވާ ކަމެކެވެ.
ފިރުޒުލް ވިދާޅުވީ މުއިއްޒުގެ ވެރިކަމެއްގައި ޕާޓީއަކަށް ބެއްލެވުމެއް ނެތި، މަގާމުތަކަށް އައްޔަން ކުރާނީ ގާބިލް، އިލްމީ ބޭފުޅުންނަށް ކަމަށެވެ. އަދި މަގާމުތަކަށް އައްޔަން ކުރާނީ މުޅިން ވެސް ރައީސަށް ޖަވާބުދާރީވާނެ ކަމުގެ ޔަގީންކަން އޮތް ބޭފުޅުން ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!