ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރެއް ލިބިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވިދާޅުވެއްޖެއެވެ.
އެ އިދާރާ އިން ވިދާޅުވީ މި މައްސަލަ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށެވެ.
ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރަން މަޖިލިހަށް ހުށަހަޅާފައިވަނީ 48 މެމްބަރުންގެ ސޮޔާއެކުގައި ރޭގެ ވަގުތެއްގައެވެ.
މަޖިލިހަށް ހުށަހެޅި ގަރާރުގައި ވަނީ މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި މަޖިލީހުގެ ތަޅުމަށް ކަންކަން ގެނައުމުގައި ނަޝީދުގެ އަމިއްލަ މަސްލަހަތު އިސްކޮށް ވަކި ފަރާތަކަށް ބުރަވެ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަންކަން ނިންމަމުންދާ ކަމަށެވެ. އަދި މަޖިލީހުގެ ނިޒާމު ހިފެހެއްޓުމުގެ ބަދަލުގައި މަޖިލީހުގެ ނިޒާމު ގެއްލުވާލުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ނަޝީދު ވާގިވެރިވަމުން ގެންދާ ކަމަށް ވެސް ގަރާރުގައި ވެއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލިސް އެތައް ދުވަހެއް ވަންދެން ހުއްޓުވާފައި ބޭއްވުމަށް ފަހު، ނަޝީދު ނިސްބަތްވާ ޕާޓީގެ އަދި އެ މަނިކުފާނުގެ މަސްލަހަތު އޮތް މައްސަލަތަކެއް މަޖިލީހަށް ތާވަލު ކުރުމަށް ފަހު އެ މައްސަލަ ކުރިއަށް ގެންދިއުމަށް ޖަލްސާތައް ބާއްވާފައިވާ ކަމަށް ވެސް އެ ގަރާރުގައިވެއެވެ.
މިއީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހަޅާ ދެވަނަ ފަހަރެވެ.
މަޖިލިހުގެ ރައީސް ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށްޓަކައި މިދިޔަ ޖޫން މަހު 54 މެމްބަރުންގެ ސޮޔާއެކު މަޖިލިހަށް ހުށަހެޅިއެވެ. އެކަމަކު މިދިޔަ މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު، އެމްޑީޕީން ވަނީ އެ މައްސަލަ އަނބުރާ ނަގައިފައެވެ.
މަޖިލީހުގެ ރައީސް މަގާމުން ދުރު ކުރެވޭނީ އިތުބާރު ނެތްކަމުގެ ވޯޓުގައި މަދުވެގެން 45 މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އެމްޑީޕީގައި މިހާރު ވެސް 50 އަށް ވުރެ ގިނަ މެމްބަރުން އެބަތިއްބެވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިވެވަޑައިގަތް ނާކާމިޔާބަށްފަހު ނަޝީދު އެ ޕާޓީން ވަނީ ވަކިވެ ވަޑައިގެން، އެމްޑީޕީގެ ބައެއް މެމްބަރުންނާ އެކު ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައިފައެވެ. ޑިމޮކްރަޓްސް ޕާޓީއާ ގުޅިވަޑައިގެން، ސަރުކާރާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ނަޝީދު ފާޑު ވިދާޅުވެފައިވެއެވެ. އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރިއެވެ. ޑިމޮކްރެޓްސްގެ ޓިކެޓުގައި މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ނުކުންނަވައި، 15،000 އަށް ވުރެ ގިނަ ވޯޓާ އެކުގައި ދިޔައީ ތިން ވަނަ އަށެވެ.
ދެވަނަ ބުރުގައި ޑިމޮކްރަޓްސް ޕާޓީން ރިޔާސީ އިންތިހާބުގައި ދެވަނަ ބުރުގައި ނިންމީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ. އެކަމަކު ޑިމޮކްރެޓްސްގެ ބައެއް މެމްބަރުން ދެވަނަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓުންނަށް ތާއީދު ކުރި މަންޒަރު ފެނިފައިވެއެވެ.
ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސް ކުރީ އިއްޔެއެވެ.
އެގޮތަށް ނިންމީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބައްދަލުވުމުގައި ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެވަޑައިގަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!