ކ. ކުޑަގިރި ފަރަށް އެރި ބޯޓު ރާއްޖެ އިން ފުރުން މަނާކުރަން ސިވިލް ކޯޓުން އަމުރެއް ނެރެފި އެވެ.

މިދިޔަ ޖެނުއަރީ މަހު ކުޑަގިރި ފަރަށް އެރި އޭއެމް އެމްއެސްވީ މަރިޔާ ސިންތަޔަތިރައި ރިޔަނަ ބޯޓު އެ ފަރަށް އެރި މައްސަލާގައި އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ އެ އުޅަނދުގެ ވެރިފަރާތް ތިން މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ.

Ad
rt

ޖޫރިމަނާ ފައިސާ ނުދައްކާތީ އެ މައްސަލަ އީޕީއޭ އިން ސިވިލް ކޯޓަށް ހުށަހެޅުމަށް ފަހު ބޯޓު ފުރުން މަނާކުރުމުގެ އަމުރަކަށް ސިވިލް ކޯޓުގައި އެދުނެވެ.

މިދިޔަ ހުކުރު ދުވަހު ކޯޓުން ނެރުނު އަމުރުގައި ވަނީ އެ މައްސަލަ ނިމެންދެން ނުވަތަ ވަކި ގޮތަކަށް އަންގަންދެން އެ ބޯޓު ފުރުން މަނާ ކުރުމަށެވެ. އަދި އެ އުޅަނދަށް ބަދަލެއް ނުގެނައުމަށާއި އެ ބޯޓުގެ މައްޗަށް ތިން ވަނަ ފަރާތެއްގެ ހައްގެއް އުފަން ވެދާނެ ކަމެއް ނުކުރުމަށް އަމުރުގައި އަންގާފައި ވެ އެވެ.

އީޕީއޭ އިން ކުރިން ބުނެފައިވާ ގޮތުގައި އެ ބޯޓު ފަރަށް އެރުމުގެ ސަބަބުން ކުޑަގިރި ފަރުގެ 130 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވެ އެވެ.