ހުކުރު ދުވަހުގެ ރޭ އިޝާނަމާދުން ފައިބައިގެން ސައިކަލްގައި ގެއަށް އަންނަނިކޮށް އެކްސިޑެންޓްވެ އަނިޔާވި، ކުރީގެ ހެލްތު މިނިސްޓަރު ޢަބުދުﷲ އަމީންގެ ބައްޕަ ރޭ ނިޔާވެއްޖެއެވެ.
އަމީންގެ އިތުރުން ޖަޕާންގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު، މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތުގެ ބައްޕަ އަހްމަދު މަނިކު 74 (އަހަރު) އެކްސިޑެންޓްވީ ހުކުރު ދުވަހުގެ ރޭ އިޝާނަމާދުން ފައިބައިގެން ޗީބޯ ރެސްޓޯރެންޓުކައިރީ ހުންނަ އޭނާ ދިރިއުޅޭ ގެއަށް ދިޔަ މަގުމަތީގައެވެ.
ކުރީގެ މިނިސްޓަރު އަމީންގެ ބައްޕަ އެކްސިޑެންޓުވެ، އައިސީޔޫގައި ފަރުވާދެނީ
އެކްސިޑެންޓްގައި ލިބުނު އަނިޔާއަށް އަހްމަދު މަނިކަށް ފަރުވާދެމުން އައީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު)ގެ އައިސީޔޫގައެވެ. އެކްސިޑެންޓްގައި އަހްމަދު މަނިކުގެ ބޮލަށް އަނިޔާވެ ސިކުނޑި އެތެރެއަށް ވަނީ ލޭ އެޅިފައެވެ. އަދި އޭނާގެ މައްޗަށް ޑޮކްޓަރުން އޮތީ އުންމީދު ކަނޑާލާފައެވެ.
އަހްމަދު މަނިކު ނިޔާވީ ރޭ ފަތިހު ހަތަރެއް ޖަހަން ކައިރިވެފައި ހުއްޓައެވެ. އަހްމަދު މަނިކުގެ މައްޗަށް ކުރެވޭ ކަށުނަމާދު ކުރުމަށް ހަމަޖައްސާފައި ވަނީ މިއަދު މެންދުރުނަމާދަށްފަހު މަސްޖިދު ޒައިދުބިން ޘާބިތު (ސަހަރާ މިސްކިތް)ގައި ކަމަށް މައުލޫމާތު ލިބެއެވެ.
އަހްމަދު މަނިކަށް އަނިޔާވާން މެދުވެރިވި އެކްސިޑެންޓް ހިނގި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އޭނާ ސައިކަލުގައި ދުއްވާފައި އަމީނީމަގު ޗައިނާ އެމްބަސީއާއި ހިސާބާއި އަރާ ހަމަވަނިކޮށް ފަހަތުން އައި ކާރެއް އޭނާ ދުއްވަން އިންސައިކަލްގައި ޖެހެއެވެ. ކާރު ސައިކަލުގައި ޖެހުމާއެކު އަހްމަދު މަނިކު ވިއްސައިގެން ގޮސް ވެއްޓިފައި އޮތް މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!