ކުރީގެ ހެލްތު މިނިސްޓަރު ޢަބުދުﷲ އަމީންގެ ބައްޕަ ދުއްވި ސައިކަލުގައި ކާރަކުންޖެހި މިރޭ ހިނގި އެކްސިޑެންޓްގައި ލިބުނު އަނިޔާއަށް އައިސީޔޫގައި ފަރުވާދެމުން އެބަދެއެވެ.

އަމީންގެ އިތުރުން ޖަޕާންގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމީތުގެ ބައްޕަ އަހްމަދު މަނިކު 74އ، އެކްސިޑެންޓްވީ މިރޭ އިޝާނަމާދުން ފައިބައިގެން ޗީބޯ ރެސްޓޯރެންޓުކައިރީ ހުންނަ އޭނާ ދިރިއުޅޭ ގެއަށް ދިޔަ މަގުމަތީގައެވެ.

Ad
rt

މި އެކްސިޑެންޓާގުޅޭ މައުލޫމާތު އަހްމަދު މަނިކުގެ ޢާއިލީ މެންބަރަކު ‘’ތިލަދުން’’ އަށް ހިއްސާކޮށްފައިވާއިރު، އެކްސިޑެންޓް ހިނގި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ވެސް ވަނީ ދައްކާފައެވެ.

އެ ފުޓޭޖުން ފެންނަ ގޮތުގައި އަހްމަދު މަނިކު ސައިކަލުގައި ދުއްވާފައި އަމީނީމަގު ޗައިނާ އެމްބަސީއާއި ހިސާބާއި އަރާ ހަމަވަނިކޮށް ފަހަތުން އައި ކާރެއް އޭނާ ދުއްވަން އިންސައިކަލްގައި ޖެހެއެވެ. ކާރު ސައިކަލުގައި ޖެހުމާއެކު އަހްމަދު މަނިކު ވިއްސައިގެން ގޮސް ވެއްޓިފައި އޮތް މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެއެވެ. އެ ފުޓޭޖުން ފެންނަ ހިސާބުގައި އެކްސިޑެންޓް ހިނގުމުން ކާރު މަޑުކުރާތީއެއް ނުފެނެއެވެ.

އަހްމަދު މަނިކުގެ ޢާއިލީ މެންބަރު މަޢުލޫމާތު ދެއްވި ގޮތުގައި އެކްސިޑެންޓްގައި އަހްމަދު މަނިކުގެ ބޮލަށް އަނިޔާވެ ސިކުނޑި އެތެރެއަށް ވަނީ ލޭ އެޅިފައެވެ. އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ އިތުރުން އޭޑީކޭގެ ޑޮކްޓަރުން ވެސް ވަނީ މި ކޭހަށް އެޓެންޑްވެފައެވެ.

އޭނާގެ ހާލަތު ހުރިގޮތުން ސަލާމަތް ކުރެވިދާނެކަމާމެދު ޑޮކްޓަރުންގެ މާބޮޑު އުންމީދެއް ނެތް ކަމަށާއި، އޭނާ އޮތީ މިވަގުތު ފަރުވާއަށް ބޭރަށް ގެންދެވޭފަދަ ހާލަތެއްގައި ނޫންކަމަށް ވެސް އަހްމަދު މަނިކުގެ ޢާއިލީ މެންބަރު މަޢުލޫމާތު ދެއްވިއެވެ.

އަހްމަދު މަނިކަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގަ އެވެ.