ހދ. ކުޅުދުއްފުށި ސިޓީގައި ސްޕީޗް ތެރަޕީ ދޭ ސެންޓަރެއް ހުޅުވައިފިއެވެ.

'ބުލްބުލް ތެރަޕީ ސެންޓަރު' ގެ ނަމުގައި މި ސެންޓަރު ހުޅުވާފައިވަނީ މި ހިނގާ އޮކްޓޯބަރު 6 ވަނަ ދުވަހުއެވެ.

Ad
rt

މިކަމާއި ގުޅޭ މައުލޫމާތު 'ތިލަދުން' އަށް ހިއްސާ ކުރައްވަމުން އެ ސެންޓަރު ހިިންގެވުމާއި ހަވާލުވެހުންނެވި އަހްމަދު އަބްދުއްރަހީމް ވިދާޅުވީ މި ވަގުތު ހިދުމަތް ދެމުން ދަނީ އެންމެ ޑޮކްޓަރަކާއެކުގައި ކަމަށާއި ނަމަވެސް މި މަހުގެ ތެރޭގައި އިތުރު ތިން ޑޮކްޓަރުން ގެންނާނެ ކަމަށެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އޮކިއުޕޭޝަނަލް ތެރަޕީ އާއި ސްޕީޗު ތެރަޕީ އާއި ބިހޭވިއަރަލް ތެރަޕީގެ ހިދުމަތް މި ސެންޓަރުން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް އުނގަންނައިދިނުމާއި ސައިކޮލޮޖިކަލް އެސެސްމެންޓު ވެސް ހެދޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އޮކިއުޕޭޝަނަލް ތެރަޕީގެ އެސެސްމެންޓާއި ބިހޭވިއަރަލް ތެރެޕީގެ އެސެސްމެންޓުގެ އިތުރުން ސްޕީޗު ތެރަޕީގެ އެސެސްމެންޓު ވެސް ހެދޭނެ ކަމަށް އަހްމަދު ވިދާޅުވިއެވެ.

ކުޅުދުއްފުށި ސިޓީގެ އަފީފުއްދީން ސްކޫލު ކުރިމަތީގައި ހުންނަ މި ސެންޓަރުން އެންސްޕާ އާއި އާސަންދަ ފަދަ ހިދުމަތް މެދުވެރިކޮށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ސްޓްރޯކް ޖެހިފައިވާ މީހުންނަށް ވެސް ވަރަށް އަވަހަށް ފަރުވާދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހްމަދު ވިދާޅުވީ އެ ސެންޓަރުން ހިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކުން 7893030 އަށް ގުޅުއްވުމުން އެކަން ހަމަޖެހޭނެ ކަމަށާއި ގޫގަލް ފޯމް https://forms.gle/NiyavP3tuR81LHko6 މެދުވެރިކޮށް ވެސް ހިދުމަތް ހޯދުމަށް އެދެވޭނެ ކަަމަށެވެ.