ބާސެލޯނާއަށް ކުޅެމުން އަންނަ ޕޮލެންޑްގެ ތަޖުރިބާކާރު ފޯވާޑް ރޮބާޓް ލެވަންޑޯސްކީއަށް އަނިޔާވެ މަހެއްހާ ދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހިފައިވާ ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ލެވަންޑޯސްކީގެ ވާތުފައިގެ ކުޑަހުޅަށް އަނިޔާވެފައި ވަނީ ޗެމްޕިއަންސް ލީގުގައ ރޭ ޕޯޓޯއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ އަނިޔާގެ ސަބަބުން ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ. އޭނާ ބަދަލުގައި ފެރާން ޓޯރޭސް ކުޅެން ނުކުތްއިރު 1-0 ގެ ނަތީޖާއިން ބާސާ މޮޅުވި މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ޖެހީ ޓޯރޭސްއެވެ.

Ad
rt

ލެވަންޑޯސްކީގެ އަނިޔާއާއި ގުޅިގެން މިއަދު ބާސާއިން ހާމަކުރި މެޑިކަލް ރިޕޯޓުގައި ބުނެފައިވަނީ ލިބިފައިވާ އަނިޔާގެ ހާލަތު ބެލުމަށް މިއަދު ޓެސްޓްތައް ހަދާފައިވާ ކަމަށާއި މިހާރު ފަރުވާ ފަށާފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް ކުޅުމުގެ ތެރެއަށް ސީދާ އާދެވޭނެ މުއްދަތެއް އެ ޓީމުން ހާމަކޮށްފައި ނުވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޭނާ ކުޅުމާއި ދުރުގައި މަހެއްހާ ދުވަހު މަޑުކުރަން ޖެހޭނެއެވެ. އެހެން ވެއްޖެނަމަ މި މަހު ފަހުކޮޅު ލީގުގައި ބާސާއާއި ރެއާލް ބައްދަލުކުރާ އެލް ކްލެސިކޯ މެޗު އޭނާއަށް ގެއްލުމުގެ ފުރުޞަތު އެބައޮތެވެ.

މި ސީޒަންގައި މިހާތަނަށް ބާސާއަށް އޭނާ ކުޅުނު 10 މެޗުގައި ވަނީ 6 ލަނޑު ޖަހައި 4 ލަނޑުޖަހަން އެހީތެރިވެދީފައެވެ.

ޗެމްޕިއަންސް ލީގުގައި ކުޅުނު ދެ މެޗުން ވެސް ބާސާ ވަނީ މޮޅުވެފައެވެ. ދެ މެޗުން ލިބުނު 6 ޕޮއިންޓާއިއެކު ބާސާ މިވަގުތު އޮތީ ގްރޫޕް އެޗްގެ އެއްވަނާގައެވެ.