ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް "އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް"، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގާއިމު ކުރައްވައިފިއެވެ.

މިކަން ހާމަކުރައްވާފައި ވަނީ ރައީސް އޮފީހުން މިއަދު ނެރުއްވި 2023/10 ނަންބަރު ދެންނެވުމުގައެވެ.

Ad
rt

ވެރިކަން ބަދަލުވުމުގެ މަރުޙަލާއާ ބެހޭ ޤާނޫނު ގައި ވާގޮތުން "ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން" ގެ މަޤާމަށް، ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސައިފައި ވަނީ، ލ. ފޮނަދޫ، އަރާއިރު، ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. މި ޤާނޫނުގައި ވާގޮތުން މިއީ ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަން ވިލަރެސްކުރެއްވުމުގައި އެންމެ އިސްކޮށް ހުންނަވާ ފަރާތެވެ.

އެ މަރުޙަލާގެ ކަންކަން ވިލަރެސްކުރެއްވުމަށް ރައީސްގެ އޮފީހުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފައި ވަނީ، ސެކްރެޓެރީ، ކޯޕަރޭޓް ސަރވިސް، ޙުސައިން ޢާމިރެވެ.

މި ދެންނެވުމުގައި ވާގޮތުން ސަރުކާރުގެ އިދާރާތައް ހިންގުމަށް ބުރޫ ނާރާނެ ގޮތެއްގެ މަތީން، އަދި ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކަށް ހުއްޓުމެއް ނާންނާނެ ގޮތެއްގެ މަތީން، ވެރިކަން ނަޤުލުކުރުމަށްޓަކައި، ސަރުކާރުގެ އިދާރާތަކާބެހޭ މުހިންމު މަޢުލޫމާތު، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއަށް ބޭނުންވެދާނެ ކަމަށްޓަކައި ތައްޔާރުކުރުމަށް ވަނީ އަންގަވާފައެވެ.

ސަރުކާރުގެ އިދާރާތަކުން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިޔެކިޔުން ފޮނުވަން ވާނީ "ގަވަރންމަންޓް އީ-ލެޓަރ މެނެޖްމަންޓް ސިސްޓަމް" މެދުވެރިކޮށް ކަމުގައި ވަނީ ދެންނެވުމުގައި ބަޔާންކޮށްފައެވެ.

މީގެ އިތުރުން ވެސް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީންނާއި، ޤާނޫނުތަކުން ރައީސުލްޖުމްހޫރިއްޔާ މީހުން ޢައްޔަނުކުރައްވާ މަޤާމުތަކުގައި ތިއްބެވި ފަރާތްތަކުން ހިނގަމުންދާ ރިޔާސީ ދައުރު ނިމެންދެން، އެ ފަރާތަކާ ހަވާލުވެފައިވާ މަސައްކަތްތައް ކުރެއްވުމުގައި ދެމިތިއްބެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބާރު އަޅުއްވާފައެވެ.