ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އެއާޕޯޓް ސަރަހައްދުގައި ބަހައްޓާފައި ހުރި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފޮޓޯއަށް ބަޔަކު ކަޅުތެޔޮޖެހި ޖެހުން އެ ރަށު ކައުންސލިން ކޮށްވެރިކޮށް ބަޔާން ނެރެފިއެވެ.
މިކަމާއި ގުޅިގެން އެ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ ހޯރަފުށީ އެއާޕޯޓާއި އެ ރަށުގެ ތަރައްގީގެ ބާނީއަކީ ރައީސުލް ޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަމަށާއި އެ އެއާޕޯޓް ހަގީގަތަކަށް ހައްދައިދެއްވާ ރޭގަނޑުގެ ދަތުރުތައް ފަށްޓަވައިދެއްވި ރައީސްގެ ފޮޓޯއަށް ކަޅުތެޔޮ ޖެހުން ހަރުކަށި އިބާރާތުން އެ ކައުންސިލުން ކުއްވެރިކުރާ ކަމަށެވެ.
ރިޔާސީ އިންތިހާބު ނިމުނުތާ ހަފްތާއެއް ނުވަނީސް މިފަދަ ހަޑި ހުތުރު އަމަލެއް ހިންގުމަކީ ރަށުގެ ހަމަޖެހުން ހަލަބޮލިކަމެއްގެ ތެރެއަށް ގެންދިއުމަށް ހިންގާފައިވާ އަމަލެއްކަމަށާއި، އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި އެ ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.
އެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ހޯރަފުށީ ރައްޔިތުންގެ ހިތުގައި ގަދަރާއި ލޯތްބާ އިހްތިރާމް ދެވިފައިވާ ރައީސް ސޯލިހުގެ ތަސްވީރު އެހިތްތަކުން ނެރެ އެއްލައެއް ނުލެވޭނެ ކަމަށާއި އެތަސްވީރަށް ކަޅުތެޔޮޖަހާ ކިލަނބުކޮށް ވެސް ނުލެވޭނެ ކަމަށެވެ.
ރައީސް ސޯލިހުގެ ހިދުމަތަށް ދިވެހި ގައުމު ފަހުރުވެރި ވާހިނދު، ހޯރަފުށީގެ ތަރައްގީއަށް އެމަނިކުފާނު ގެނެސްދެއްވި ހެޔޮބަދަލަށް އަބަދުވެސް ސުކުރާ ތަޢުރީފު އޮހެމުން ދާނެ ކަމަށާއި ދިވެހި ގައުމުދުށް އެންމެ ހެޔޮވެރިކަމަށް އަބަދުވެސް ޝުކުރުވެރިވާނެކަމަށް އެ ބަޔާނުގައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!