ބާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށާއި، އެމަނިކުފާނުގެ މައްޗަށް ހިނގާނީ ހަމައެކަނި ރައްޔިތުންގެ ބާރުކަމަށް އިންތިޚާބީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން ޕީޕީއެމް/ޕީއެންސީން ރޭ ވަނީ މާލޭގެ ސޯޝަލް ސެންޓަރުގައި ޖަލްސާއެއް ބާއްވާފައެވެ.

Ad
rt

ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ބޭއްވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަން މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު އިންތިޚާބު ކުރީ ރައްޔިތުން ކަމަށާއި އަދި އެމަނިކުފާނަކީ ރައްޔިތުންގެ ޚާދިމެއް ކަމަށެވެ.

''އެހެންވީމައި ރައްޔިތުންގެ އަތުގައި ބާރުއޮތީ. މާތްﷲ ފިޔަވާ، ރައްޔިތުން އަޅުގަނޑަށް ވޯޓުން ދިން ބާރެއް އޮތީ."މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވިގޮތުގައި އެމަނިކުފާނުގެ ސަރުކާރުގައި މަގާމުތައް ހަވާލުކުރާނީ ތަޖުރިބާހުރި ގާބިލު ބޭފުޅުންނާއެވެ. ކެބިނެޓަށް ލަށްވާނީ ވެސް އަދި ކުންފުނިތައް ހިންގަން ހަވާލު ކުރައްވާނީ ވެސް އެފަދަ ބޭފުޅުންނާ ކަމަށް ވިދާޅުވިއެވެ.

މުޢިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރުގައި، އެއްވެސް ރައްޔިތަކު ތަފާތު ނުކުރައްވާނެކަމަށް ވިދާޅުވާ ވިދާޅުވުން ރޭ ވެސް ތަކުރާރުކުރައްވާފައެވެ.