ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަކަށް ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަޝްވަރާގެ މަތިން ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.

އެ ޕާޓީ އުފެއްދުމުގެ އިސް މޭސްތިރިޔާ، މަޖިލިސް ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި އެ ޕާޓީން މަސައްކަތް ކުރަމުން އަންނަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށެވެ.

Ad
rt

ގާނޫނުއަސާސީ މިހާރު އޮންނަ ގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހުން ފާސްކުރުމަށް ފަހު، އެ ބިލު ރައީސް ތަސްދީގުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހު އެވެ.

ނިޒާމު ބަދަލުކުރުމާމެދު ޑިމޮކްރެޓްސްގެ މަސައްކަތާއި ގުޅިގެން ދަ ޑިމޮކްރެޓްސްގެ ފައުންޑަރ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މިއަދު ވިދާޅުވީ، ''ނިޒާމީ ވޯޓުގެ ކަންކަމުގައި ޑިމޮކްރެޓުން ކުރިއަށްދާނީ ޕީޕީއެމް/ ޕީއެންސީގެ މަޝްވަރާގެ މަތީން'' ކަމަށެވެ.

ޑިމޮކްރެޓްސް އިސްވެ އޮވެ އަންނަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ގާނޫނީ ކަންކަން ފުރިހަމަކުރުމަށް ރައްޔިތުންގެ މަޖިލިސްގައި މަސައްކަތް ކުރަމުންނެވެ. މިގޮތުން އެ ޕާޓީގެ ޕީޖީ މެންބަރު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އިއްޔެ ވަނީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް އިސްލާހެއް މަޖިލީހަށް ހުށަހަޅާފައެވެ. އެއީ ބިލު ފާސްކުރުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާ ނަމަ، އިތުރު ވޯޓަކަށް ދާން ނުޖެހޭ ގޮތަށް ހެދުމަށް ހުށަހަޅާފައިވާ އިސްލާހެކެވެ.

ޑިމޮކްރެޓްސް އިން މި މަސައްކަތް ކުރިނަމަވެސް މަޖިލީހުގެ ސްޕާމެޖޯރިޓީ އޮންނަ އެމްޑީޕީން އަދި މިކަމަށް އެއްބަހެއް ނުވެއެވެ. ޚުދު ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަކަށް ކަމަށް ވިދާޅުވެފައެވެ.

ނިޒާމު ބަދަލުކުރުމަށް ޕީޕީއެމް/ޕީއެންސީގެ ރުހުން އޮތްކަން މިހާތަނަށް އިނގިފައެއްނުވެއެވެ.