ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކާ އެމްޑީޕީ ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތުން މުހިންމު ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށްފަހު، ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވެރިކަން ބަދަލުވެގެން ދިއުމާއެކު، އެމްޑީޕީ ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނާނެ ކަމަށެވެ.

Ad
rt

ރައީސް ވިދާޅުވީ މުހިންމީ އެމަނިކުފާނު ހުންނަ މަގާމެއް ނޫން ކަމަށާއި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށްޓަކާ އެމްޑީޕީ ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ބާއްވާނެ ކަމަށެވެ. އަދި އެކަމަށްޓަކާ ކުރާންޖެހޭ މަސައްކަތް މިހާރުވެސް ފައްޓަވާފައިވާ ކަމަށެވެ.

އެގޮތުން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ތައްޔާރުވުމަކީ އެންމެމުހިންމުކަން ކަމަށާއި އެ މަސައްކަތް މިހާރުވެސް ފައްޓަވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރުގައި ރައްޔިތުންނަށް ކޮށްދެވުނުކަންކަން ކާމިޔާބީ ވަޒަން ކުރާނީ ރައްޔިތުން ކަމުގައެވެ.

ރިޔާސީ އިންތިހާބުން ބަލިވި ސަބަބެއް ކަމުގައި ވިދާޅުވީ އިންތިހާބު ގެއްލުމުގެ ސަބަބުތައް ދެނެގަނެވޭނީ ރަގަޅު ދިރާސާއެއް ކޮށްގެން ކަމަށެވެ.

އެހެންނަމަވެސް ފުރަތަމަ ބުރު ނިމުމަށްފަހު ޕާޓީގެ އެތެރޭގެ ބައެއް ފަރާތްތަކުގެ ކޮންފިޑެންސް ގެއްލިގެން ދިޔަކަން ފާހަގަކުރައްވާ ވިދާޅުވީ ސަރުކާރާ ގުޅޭގޮތުން ދައްކަމުންދިޔަ ދޮގު ވާހަކަތަކަކީ ވެސް ސަރުކާރަށް ކުރިމަތިވި ގޮންޖެހުމެއްކަމަށް ވިދާޅުވިއެވެ.