ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގައިި ޕީއެންސީ އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ ބާއްވަން ތާވަލުކުރި ހާއްސަ ބައްދަލުވުން މާދަމާ ރެއަށް ފަސްކޮށްފިއެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ އިސްތަރުޖަމާން ހިނާ ވަލީދު މީޑިއާ އަށް ވިދާޅުވީ މި ބައްދަލުވުން ފަސްކުރީ މޫސުން ތަންނުދިނުމުގެ ސަބަބުން ކަމަށެވެ.

Ad
rt

"އިންތހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ދިވެހި ރައްޔިތުންނަށް ޝުކުރުއަދާކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ މޫސުން ގޯސްވުމުގެ ސަބަބުން މާދަމާ ރެއަށް ފަސްކުރެވިފައިވާ ވާހަކަ ދަންނަވަން." ހީނާ ވިދާޅުވިއެވެ.

ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ކެންޑިޑޭޓް އަދި އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރިން ހަމަޖައްސަވާފައިވަނީ މިރޭ 8:30 ގައި އާތިފިޝަލް ބީޗުގައެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު، ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވެފައިވަނީ މި ރަސްމިއްޔާތަށް އެ ޕާޓީގެ ސަޕޯޓަރުންނާއި ހެޔޮއެދޭ ފަރާތްތަކަށް ދައުވަތު އަރުވާފައެވެ. އަދި ވަނީ ސުލްހަވެރިކަމާއެކު ރަސްމިއްޔާތު ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ.

އެމަނިކުފާނު ވިދާޅުވީ މިފަދަ އުފާފާޅުކުރުމުގެ ކަންކަން ކުރިއަށްދާއިރު، ބައެއް ފަރާތްތަކުން ފިތުނައާއި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ވެސް ކުރާނެ ކަމަށާއި ޕީއެންސީ، ޕީޕީއެމް ކޯލިޝަނުން މިކަމަށް ވަރަށް ވިސްނަންވާނެ ކަމަށެވެ. އަދި އެފަދަ ކަމަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށާއި އެފަދަ ކަންކަމުގައި އެ ކޯލިޝަނުގެ އެއްވެސް މީހަކު ބައިވެރިނުވުމަށް ވެސް އެދިވަޑައިގެންފައި ވެއެވެ.