ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ކުރިއަށް އޮތްދައުރު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމް ހޯއްދެވި ޑރ.މުޙައްމަދު މުއިއްޒުއަށް ޗައިނާއިން ވެސް މަރުހަބާ ކިޔައިފިއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލިޖިންގ ވަނީ އިންތިހާބު ކާމިޔާބުކުރުމާއި ގުޅިގެން މުއިއްޒުއަށް މަރުހަބާ ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބް ކާމިޔާބު ކުރެއްވުމާއި ގުޅުގެން އެންމެ ފުރަތަމަ މުއިއްޒުއަށް މަރުހަބާ ވިދާޅުވި ބޭފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރިންދުރަ މޯދީއެވެ. މޯދީ މިއަދު އެކްސްގައި މަރުހަބާ ވިދާޅުވެ ކުރެއްވި ޕޯސްޓްގައި ވަނީ އިންޑިއާ އާއި ރާއްޖޭގެ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ވަރުގަދަކޮށް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގައި އިންޑިއާ ދެމިއޮންނާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން އިއްޔެ ބާއްވާފައިވާއިރު މުއިއްޒު އިންތިހާބް ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރަހީމް މުޙައްމަދު ސޯލިހު މައްޗަށް ކުރި ހޯއްދަވައިގެންނެވެ. ދެވަނަ ބުރުގައި މުއިއްޒު 53.9 އިންސައްތަ ހޯއްދެވިއިރު ރައީސް ސޯލިހުއަށް ލިބިލެއްވީ 46.1 އިންސައްތައެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓް ލުމުގެ ހައްގު 282,804 މީހުންނަށް ލިބިފައިވީ ނަމަވެސް ވޯޓް ލާފައި ވަނީ 243،000 މީހުންނެވެ. އެއީ ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ 86 އިންސައްތައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!