ރިޔާސީ އިންތިހާބާއި ގުޅިގެން އޮކްޓޯބަރު 2 ވަނަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ.

މިކަން އިޢުލާނު ކުރައްވާފައި ވަނީ ރައީސް އޮފީހުން މިއަދު ހެނދުނު ނެރުއްވި ދެންނެވުމެއް ގައެވެ.

Ad
rt

ރައީސް މިގޮތަށް ނިންމެވީ، ސެޕްޓެންބަރު މަހުގެ 30 ވީ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބާއި ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ޙަރަކާތްތެރިވި ސަރުކާރުގެ ގިނަ ޢަދަދެއްގެ މުވައްޒަފުންނާއި ޢާންމު ރައްޔިތުން، ވޯޓާ ގުޅިގެން ކުރަން ޖެހުނު އެންމެހައި މަސައްކަތްތައް އަދިނުނިމޭތީއެވެ.

މީގެ އިތުރުން އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހަކީ ވެސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައި ވާތީއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ސެޕްޓެމްބަރު 30 ވީ ހޮނިހިރު ދުވަހުގެ ހެނދުނު 8 ން ހަވީރު 5 ޖަހަންދެން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާފައިވާއިރު، އެކަމާ ގުޅިގެން އެމަހުގެ 10 ވަނަ ދުވަސް ވެސް ވަނީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.