ލިވަޕޫލާއި ރެއާލް މެޑްރިޑާއި ބަޔާން މިއުނިކްގެ މެދުތެރޭ މޮޅަށް ކުޅުނު ސްޕެއިންގެ ކުރީގެ މިޑްފީލްޑަރ ޒަބީ އެލްންސޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބަޔާން ލެވަކޫސެން އިން ޖަރުމަނު ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލެވަކޫސެން އިން ވަނީ ރޭ ޖަރުމަނު ލީގުގައި މެއިންޒްގެ މައްޗަށް 3-0 ގެ ނަތީޖާއިން ކުރި ހޯދާފައެވެ. ލެވަކޫސެން އިން ލީގުގައި މިހާތަނަށް ހަ މެޗު ކުޅެފައިވާއިރު އެ ޓީމް އަދި ބައްޔެއް ނުވެއެވެ. އެއް މެޗު އެއްވަރުވިއިރު ފަސް މެޗު ވަނީ ކާމިޔާބު ކޮށްފައެވެ.

Ad
rt

ރޭ މެޗުގައި ލެވަކޫސެން އިން ފުރަތަމަ ލަނޑު ޖެހީ މެޗުގެ 18 ވަނަ މިނެޓުގައެވެ. މި ލަނޑަކީ މެއިންޒްގެ ވެން ޑެން ބާގްގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ލެވަކޫސަންއަށް ދެވަނަ ލަނޑު 59 ވަނަ މިނެޓުގައި އަލެކްސް ގްރިމާލްޑޯ ކާމިޔާބު ކޮށްދިންއިރު ތިންވަނަ ލަނޑު 65 ވަނަ މިނެޓުގައި ޖަހައިދިނީ ޖޯނަސް ހޮފްމަންއެވެ.

ރޭ ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި އާރުބީ ލައިޕްޒިގް ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ލައިޕްޒިގްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ދެ ލަނޑު ވެސް ޖެހީ ލައިޕްޒިގުންނެވެ. ފުރަތަމަ ލަނޑު 20 ވަނަ މިނެޓުގައި އޮޕެންޑާ ކާމިޔާބު ކޮށްދިންއިރު ދެވަނަ ލަނޑު އޭގެ ހަ މިނެޓް ފަހުން ޖަހައިދިނީ ލުކެބާއެވެ.

ބަޔާނުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފުގައި ޖެހި ލަނޑުތަކުންނެވެ. ފުރަތަމަ ލަނޑު 57 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކޭން ޖަހައިދިން އިރު މިއި އޭނާ ލީގުގައި ބަޔާނަށް ކުޅެދިން ހަ މެޗުގައި ޖެހި އަށްވަނަ ލަނޑެވެ. ދެވަނަ ލަނޑު 70 ވަނަ މިނެޓުގައި ޖަހައިދިނީ ސާނޭއެވެ.

މި މެޗުން އެއްވަރުވުމާއިއެކު ބަޔާން ވަނީ ޕޮއިންޓް ތާވަލުގެ ތިންވަނައަށް ސޮއްސާލާފައެވެ. އެ ޓީމް ތިންވަނާގައި އޮތީ ހަ މެޗުން ލިބުނު 14 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ސްޓުޓްގާޓަށް ވަނީ ހަ މެޗުން 15 ޕޮއިންޓް ލިބިފައެވެ. މިވަގުތު ލެވަކޫސެން ތާވަލުގެ އެއްވަނާގައި އޮތީ ހަ މެޗުން ލިބުނު 16 ޕޮއިންޓާއި އެކުގައެވެ.