ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު އަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު މަރުހަބާ ދަންނަވައިފިއެވެ.
އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބުގައި ރައްޔިތުން ދެއްކެވި ޑިމޮކްރެޓިކް ރީތި ނަމޫނާއަށްޓަކައި ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެމަނިކުފާނާއެކު މަސައްކަތްކުރެއްވި އެމްޑީޕީއާއި އަދާލަތު ޕާޓީގެ މެންބަރުންނަށް ޝުކުރުދަންނަވާ ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނަށް ވޯޓުދެއްވީ ހުރިހައި ރައްޔިތުންނަށް ވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ސާލިހުގެ އިތުރުން އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމް ވެސް ވަނީ ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބުކުރައްވާފައިވާތީ، އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ. އަދި މުއިއްޒާއި އެމަނިކުފާނުގެ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ އަށްވުރެ މަތިން ވޯޓު ނުލިބުމުން ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސްކަމުގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު ކަނޑައެޅުމަށް ސެޕްޓެމްބަރު 30 ވަނަ ދުވަހު ވޯޓުލުން ބާއްވާފައިވަނީ ފުރަތަމަ ބުރުގައި އެންމެގިނަ ވޯޓު ލިބިވަޑައިގެންނެވި ދެ ކެންޑިޑޭޓުންގެ މެދުގައެވެ. އެއީ ޕީއެންސީގެ ކެންޑިޑޭޓް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސާލިހެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މުއިއްޒު ބޮޑުތަނުން އިންތިހާބު ކާމިޔާބުކުރައްވާފައިވާއިރު، 126586 ވޯޓު ލިބިވަޑައިގެންފައި ވެއެވެ. އެއީ ވޯޓުލި މީހުންގެ %54.05 އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މިހާރުގެ ރައީސް ސާލިހަށް ލިބިވަޑައިގެންނެވީ 107611 ވޯޓެވެ. އެއީ ވޯޓުލި މީހުންގެ %45.95 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!