ގައުމުގެ މިނިވަންކަން ދިފާއު ކުރުމަށް ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު އަށް ވޯޓު ދެއްވުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރިޔާސީ ރޭހުގައި ވާދަކުރެއްވި ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު، ކުރީގެ ދިފާއީ ވަޒީރު މުހައްމަދު ނާޒިމް އިލްތިމާސް ކުރައްވައިފިއެވެ.
ނާޒިމް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އައްޔަން ކުރާއިރު، އެންމެންގެ އިސްވާޖިބަކަށް ވާންވާނީ، ދިވެހި ގައުމުގެ މިނިވަންކަމާއި އަމިއްލަވަންތަ ކަމުގެ ވިސްނުން ކުރިއަށް ނެރުން ކަމަށެވެ. އަދި ގައުމުގެ މިނިވަންކަން ދިފާއު ކުރުން ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މާދަމާގެ ވޯޓުލާން ނުކުންނައިރު، ރާއްޖެ އޮތީ އަމިއްލަވަންތަކަން ނެތިގޮސް މިނިވަންކަން ގެއްލޭ ހިސާބުގައި ކަމަށާއި ދަރަނި ބޮޑުވެ، ދަރަނި ނުދެއްކޭ ހިސާބުގައި ކަމަށް ވެސް ވިދާޅުވިއެވެ. އަދި އުފަންވާ ކޮންމެ ކުއްޖެއްގެ ބޮލުގައި ދެލައްކައަށްވުރެ ގިނަ ރުފިޔާގެ ދަރަންޏެއް އެޅިފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު މަސައްކަތް ނުކުރެވިއްޖެނަމަ، މުސްތަގްބަލު ވިއްކާލައިގެން މެނުވީ ސަލާމަތް ނުކުރެވޭނޭ ވަރަށް ރާއްޖެ ނިކަމެތިވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކުޑަކުދިންނާއި އަންހެނުންގެ އިއްފަތް ފޭރިގަތުން ފަދަ މުޑުދާރު އަމަލުތަކަކީ މައްސަލައަކަށްނުވެ، މުޖްރިމުންނަށް މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ އިންސާފު ލިބޭނޭ ގޮތެއް މިއަދު ނެތް ކަމަށާއި ގާނޫނުއަސާސީގެ ބާރުކަނޑުވާލާފައިވާ ކަމަށެވެ.
މާދަމާ ހެނދުނު ވޯޓުލާން ފެށުމާއެކު ވީހާ ވެސް ގިނަ މީހުން، ވީއެންމެ އަވަހަކަށް ނުކުމެ، ގައުމުގެ ދިފާއުގައި މުއިއްޒަށް ވޯޓުދީ، ރައްޔިތުންގެ ނިންމުން ގައުމުގެ ހައްގުގައި ނިންމައިދިނުމަށް ނާޒިމް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރައްވައި، ނާކާމިޔާބުވެވަޑައިގެންނެވި ނާޒިމް، ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒު އަށް ދެވަނަ ބުރުގައި ތާއީދު ކުރައްވަން ނިންމަވާފައިވަނީ އެއްވެސް ޝަރުތަކާއި ނުލައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!