ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އަނިޔާވެރިކަމާއި ޑްރަގުގެ ވަބާއިން ރާއްޖެ ސަލާމަތް ކޮށްދެއްވާނެ ލީޑަރު ކަމަށް، ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓު، އަހުމަދު ސަލީމް (މާޒު ސަލީމް) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ސޯސަން ޖަގަހައިގައި ބުރާސް ފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ސަލީމު ވިދާޅުވީ އަނިޔާވެރިކަން އިޔާދަކުރަން ބޭނުން ނުވާނަމަ އިންތިހާބުގައި މިސްޓޭކެއް ނުހެދުމަށާއި، އަނިޔާވެރިކަމާއި ޑްރަގުގެ ވަބާއިން ރާއްޖެ ސަލާމަތް ކޮށްދެއްވާނެ ލީޑަރަކީ ރައީސް ސޯލިހު ކަމަށެވެ. އަދި މި ސަރުކާރު ދެކެ ބަޔަކު ބިރު ގަންނަނީ ޑްރަގު ބޯޓުތައް ހިފަހައްޓައި، ކަނޑުގެ ސަރަހައްދު މޮނިޓާ ކުރާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ސަރުކާރެއް މިއަދު އައިސްފިއްޔާ ކާކުތޯ ޒިންމާ ނަގާނީ، މިއީ ވަރަށް ސީރިއަސް ވާހަކަ އަޅުގަނޑު މި ދެންނެވީ، އެ މީހުންގެ ރޭވުން ހުރީ އެ ގޮތަށް މުޅި ސަރުކާރުގެ ތެރެއަށް ކަޅު ވިލާގަނޑު ވައްދަން" ސަލީމް ވިދާޅުވި އެވެ.
"އަޅުގަނޑު މި ހުރި ޕޮޒިޝަންގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް މިފަދަ އަނިޔާއެއް ވާން އަންނައިރުގައި އަޅުގަނޑުގެ ވާޖިބެކޭ އެ ވާހަކަ ރައްޔިތުންނަށް ދެންނެވުމަކީ" ސަލީމް ވިދާޅުވިއެވެ.
ހަމައެހެންމެ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ހޮވިވަޑައިގެންފި ނަމަ، ވެރިކަމުގެ ތެރޭގައި ޑްރަގުގެ ގޭންގުތައް ހަރަކާތްތެރިވާނެ ކަމަށާއި، ވެރިކަމުގެ ނިޒާމުގެ ތެރެޔަށް ޑްރަގުގެ ގޭންގުތައް ހޯރަ އަޅަމުން ދާކަމަށް ސަލީމު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ޕޯޑިއަމަށް އެރީ ވަޒީފާއެއް، މަގާމަކަށް އެދިގެން ނޫން ކަމަށާއި އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރަން އެންމެންނަށް މަޖުބޫރުވެފައިވާތީ ކަމަށް ވެސް ސަލީމު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!