ހދ ގެ ރީތި ރަށްތައް ވަނީ ރާއްޖޭގެ ނުފޫޒު ގަދަ މަހުޖަނުންގެ ބަޔަކު ފޭރިގަނެފައި ކަމުން އެއްވެސް އުންމީދެއް ނެތްކަމަށް ހދ. ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ ރައީސް އަލީ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމަށް މުޅިން އަލަށް ދޫކުރާ ބިންތަކާއި 29 ރަށް ސަރުކާރުން، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ އިއުލާނުކޮށްފައިވާއިރު އެ ލިސްޓްގައި ހިމެނެނީ ހދ އަތޮޅުގެ އެންމެ ތިން ރަށެވެ. ރޭގެ ހަފްލާއަށް އިޝާރާތްކުރައްވާ އަލީ މުޙައްމަދުގެ ފޭސްބުކްގައި ވަނީ ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައެވެ.

Ad
rt

އަލީ ވިދާޅުވެފައިވަނީ ހދ އަތޮޅުގެ ޓޫރިޒަމް އަށް ކުރި ހުރިހާ އުންމީދުތައް ފެނަށް ވެގެން ހިގައްޖެކަމަށާއި ރޭ ސަރުކާރުން އިއުލާން ކުރި ރަށްތަކުގައި އެއްވެސް އުންމީދެއް ނެތްކަމަށެވެ.

މީގެ 15 އަހަރު ކުރިން ހދ އަތޮޅު ގެ ރީތި ބޮޑެތި ރަށްތައްވަނީ ރާއްޖޭގެ ނުފޫޒު ގަދަ މަހުޖަނުންގެ ބަޔަކު ފޭރިގަނެފަ، މީ ހދ ގެ ރައްޔިތުން ހަޖަމު ކޮށްގެން ތިބޭ ވަރަށްވުރެ ސީރިއަސް މައްސަލައެއް، އަދި މިކަމުގައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރަން ޖެހޭ، މީ ހދ އަތޮޅުގެ ރައްޔިތުން ވަރިހަމަ ކޮށްގެން ތިބެވޭނެ ކަމެއް ނޫން

ކުޅުދުއްފުށީ ކައުންސިލްގެ މިދިޔަ ދައުރުގެ ރައީސް އަދި ހދ އަތޮޅު ކައުންސިލް މެންބަރުކަން ކުރައްވާފައިވާ އަލީ ވިދާޅުވެފައިވެއެވެ.

ހދ އަތޮޅުން ވަން އައިލެނޑް ވަން ރިސޯޓް ކޮންސެޕްޓްގެ އަލަށް ނެރޭ ރަށްތަކުގެ ގޮތުގައި އިޢުލާން ކުރެއްވި ރަށްތަކުގެ ތެރޭގައި ހިމެނެނީ ހޮނޑައިދޫ، ކުޑަފަރު ފަސްގަނޑު އަދި ވައިކަރަމުރައިދޫއެވެ.

އަލީ އަކީ ކުޅޫދުއްފުށީގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮން ހަރަކާތްތެރިވާ ފަރާތެކެވެ. އަދި ކައުންސިލް މެންބަރުކަމަށް ހޮވިފައިވަނީ އެމްޑީޕީގެ ފަރާތުންނެވެ.

އަލީ މިހެން ވިދާޅުވެފައިވާ އިރު މިހާރު ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަންވެސް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ހދ އަތޮޅުން އެންމެ ތިން ރަށް ފަތުރުވެރިކަމަށް ދޫކުރަން ނިންމުމުން އެކަމާ ހިތްހަމަނުޖެހި ލަތީފް ވިދާޅުވީ، ތިން ރަށް ފަތުރުވެރިކަމަށް ދޫކުރުމަކީ ހދ ގެ ރައްޔިތުންނަށް މިވަގުތަށް ހައްގު މިންވަރު ނޫން ކަމަށެވެ.

"ހދ އިން 3 ރަށް ޓޫރިޒަމަށް ދޫކުރުމަކީ ހދ ގެ ރައްޔިތުންނަށް މިވަގުތަށް ހައްގު މިންވަރެއް ނޫން. މީގެ 15 އަހަރު ކުރިން ރިސޯޓް ހެދުމަށް ހަވާލުކުރި ނާގޯއްޓާއި ކުޑަމުރައިދޫ ހަވާލުކޮށްފައިވާ ފަރާތްތަކުގެ އަތުން ނަގައި އެކަން ކުރެވޭވަރުގެ ބަޔަކާ އެ ރަށްތައް ހަވާލުކުރަން ޖެހޭ."

އެމްޑީޕީއަށް ނިސްބަތްވާ ލަތީފް ބުނެފައިވެ އެވެ.

އަލީ އަދި ލަތީފް މިހެން ވިދާޅުވެފައިއިވާއިރު ހދ އަތޮޅުގައި އޮތް އެންމެ ރީތި ރަށް ކަމުގައިވާ ކުޑަމުރާދޫ އަކީ އެމްޑީޕީގެ ކުރީގެ މަޖިލިސް މެންބަރު ތްރީއޭ ހަމްޒާ ރިސޯޓް ހެދުމަށް ނަންގަވައިގެން އުޅުއްވާ ރަށެކެވެ. މިރަށް އެއްވެސް މަސައްކަތެއް ނުކޮށް އޮންނަތާ މިހާރު 15 ވަރަކަށް އަހަރު ވެދާނެއެވެ. އަދި ހދ އަތޮޅުގައި މިހާރު އޮތް ހޮނޑާފުއްޓަކީ ވެސް ހަމްޒާއަށް ދީފައިވާ ރަށެކެވެ. މިރަށް ހުޅުވުނީ 12 އަހަރު ފަހުންނެވެ. އަދި މިނޫނަސް ދަނޑުވެރިކަން ކުރުމަށާއި އެނޫން ކަންކަމަށް ހދ ގެ ރަށްތައް މަހުޖަނުންނަށް ދިގު މުއްދަތައް ކުއްޔަށް ދީފައި ވެއެވެ.