ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ގދ. ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ލިބޭ މިންވަރަށް ތަރައްގީކޮށް ދެއްވާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގދ. ތިނަދު އަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމާ ހަވާލުވެވަޑައިގެންފި ނަމަ، ގާނޫނީ ހަމަތަކުގެ މަތިން ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަން އިއުލާން ކުރައްވާފައި އޮއްވައި، ރައީސް ވަރަށް އަވަހަށް އެކަން ކޮށްދެއްވައިފި ކަމަށެވެ. އެކަމަކު، ތިނަދޫ އަށް ތަރައްގީ އައިސްފައި ނުވާ ކަމަށާއި ކުރަން ޖެހޭ ކަންކަން ގިނަ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ކެމްޕެއިނަށް މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ތިނަދު އަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ތިނަދޫ އަށް ސިޓީގެ ދަރަޖަ ދެއްވައިފައެވެ. އެކަމަކު، ތިނަދޫ އަށް އެކަށީގެންވާ ތަރައްގީއެއް ނުގެނެސް، ސިޓީއެއްގެ ދަރަޖަ ދިނުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑު ކިޔައިފައެވެ.
މުއިއްޒު ވެސް ވިދާޅުވި ގޮތުގައި ސިޓީއެއްގެ ގޮތުގައި ނަން ބޯޑު ބަދަލުވިޔަސް، އަދި ސިޓީއަކަށް ނުވާނެއެވެ.
"ސިޓީއަކަށް ނަން ބޯޑު ބަދަލުވިޔަސް، އަދި ސިޓީއަކަށް ނުވާނެ. އަޅުގަނޑު އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ދޭ ޔަގީންކަމަކީ އަމަލީ ގޮތުން ތަރައްގީގެ ގޮތުން ތިނަދޫ ސިޓީއަކަށް ހަދައި ދޭނަން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުގެ ވާހަކައިގައި ވަނީ ކުރިއަށް އޮތް އިންތިހާބު ކާމިޔާބުކޮށް، ވެރިކަމަށް ވަޑައިގެންފި ނަމަ، ތިނަދު އަށް ކުރައްވާނެ ކަންކަން ވަނީ ހާމަކުރައްވައިފައެވެ.
މުއިއްޒު ތިނަދު އަށް ވެވަޑައިގެންނެވި ވައުދުތައް
– ތިނަދޫގައި ނުހެދި ހުރި ހުރިހާ މަގުތަކެއް ރަނގަޅު ފެންވަރަކަށް ހެދުން
– 1،000 ހައުސިން ޔުނިޓްގެ ހައުސިން މަޝްރޫއެއް ހިންގުން
– ކާޑެއްދޫ އެއާޕޯޓަކީ ފުރިހަމަ އަށް ތަރައްގީ ކުރެވިފައިވާ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުން
– ތިނަދޫ އާއި ގދ. ކާޑެއްދޫ ބްރިޖަކުން ގުޅާލުން
– ތިނަދޫ ހޮސްޕިޓަލް ޓާޝިއަރީ ހޮސްޕިޓަލަކަށް ހެދުން
– ސިޓީއެއްގައި ހުންނަން ޖެހޭ ކުޅިވަރު ހުރިހާ ވަސީލަތެއް ގާއިމު ކުރުން.
– ސައިކަލް ރޭސިން އަށް ހާއްސަ ސަރަހައްދެއް ގާއިމު ކުރުން
– ވޮކޭޝަނަލް ހިދުމަތް ދޭ ތަނެއް ހަދައި ދިނުން.
މުއިއްޒު ވިދާޅުވީ އިންޓަނޭޝަނަލް އެއާޕޯޓު ހެދުނީމަ، އަތޮޅުގައި ޓޫރިސްޓް އެނދުތައް އިތުރު ކުރުމަކީ ކުރައްވާނެ ކަމެއް ކަމަށެވެ. އަދި އިގްތިސާދީ ގޮތުން މި ސިޓީ އާއި އަތޮޅަކީ ފަހުވެރިވާ ތަނަކަށް ހަދައި ދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!