އުތުރުތިލަފަޅު މަޝްރޫއު އާ ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކަ ނުފެތުރުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކުރައްވައިފިއެވެ.
އެ އިދާރާ އިން މިފަދައިން އިލްތިމާސް ކުރެއްވީ އުތުރުތިލަފަޅުގައި އެމްއެންޑީއެފުން ތަރައްގީ ކުރަމުންދާ 300 މީޓަރުގެ މަގަތު ފާލަމާއި 500 ޓަނުން ދަށުގެ އުޅަނދުފަހަރު މަރާމާތުކުރެވޭ ސްލިޕްވޭއާއި ރިޕެއަރ ފެސިލިޓީއާ ބެހޭގޮތުން އެކި މަންސަތަކުގައި ތަފާތު ވާހަކަތައް ދައްކަމުންދާތީއެވެ.
އެމްއެންޑިއެފް އިން ވިދާޅުވީ އުތުރު ތިލަފަޅުގައި އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެމްއެންޑީއެފުން ތަރައްގީ ކުރަމުން ދަނީ ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް ހުޅުމާލޭގައި މިހާރު އަަޅާފައިވާ 270 މީޓަރުގެ ސަރަހައްދުގެ ބަދަލުގައި ބޭނުންކުރާނެ 300 މީޓަރުގެ މަގަތު ފާލަމަކާއި 500 ޓަނުން ދަށުގެ ކުދި އުޅަނދު ފަހަރު މަރާމާތުކުރެވޭ ސްލިޕްވޭ އަކާއި ރިޕެއަރ ފެސިލިޓީއެއް ކަމަށެވެ.
މިއީ ދިވެހި ސަރުކާރުގެ ފުރިހަމަ ބާރު ހިނގާ ދިވެހި ސަރުކާރުގެ މިލްކުވެރިކަން އޮތް އެމްއެންޑީއެފްގެ ތަނެއްކަން އެކިފަހަރުމަތިން ހާމަކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އަސްކަރީ ނޭވީތަކުގައި ބޭނުންކުރާ ބޮޑެތި މަނަވަރުތަކަކީ 500 ޓަނޭޖަށްވުރެ އެތައް ގުނައެއް ބޮޑު އުޅަނދު ފަހަރަށްވާތީ، އުތުރު ތިލަފަޅުގައި ތަރައްގީކުރާ ޑޮކްޔާޑުގައި އެފަދަ ބޮޑެތި މަނަވަރުތައް އަޅާ މަރާމާތުކޮށް، އެހެލާ ބޭލުމަކީ ކުރެވޭނެކަމެއް ނޫން ކަން ވަނީ ފާހަގަކުރައްވާފައެވެ.
މި މަޝްރޫއަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް އަޅާާފައި ބާއްވާނެ ބަނދަރެއް ނެތުމުންނާއި، މަރާމާތުކޮށް ބެލެހެއްޓުމަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށް، އެ އިދާރާގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށާއި މިއީ ބޭރު ގައުމެއްގެ ނޭވަލް ބޭސް އެއް ނޫންކަަން ވެސް ވަނީ ހާމަކުރައްވާފައެވެ.
އެހެންކަމުން މި މަޝްރޫޢާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު، ކަނޑައެޅިގެން ދޮގު ވާހަަކަތައް ނުފެތުރުއްވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!