ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުން ރެއާލް ބަލިވެއްޖެއެވެ.

އެތުލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މެޑްރިޑް ޑާބީ މެޗުގައި ރެއާލުގެ މައްޗަށް އެތުލެޓިކޯއިން ކުރި ހޯދީ 3-1 ގެ ނަތީޖާއިންނެވެ. މިއީ ސީޒަންގައި ރެއާލް ބަލިވި ފުރަތަމަ ފަހަރެވެ.

Ad
rt

މި މެޗުން މޮޅުވެގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު ރެއާލަށް އޮތް ނަމަވެސް ބަލިވުމުން އެ ޓީމް ވަނީ ތާވަލުގެ ތިންވަނައަށް ވެއްޓިފައެވެ. މިވަގުތު އެއްވަނާގައި އޮތީ ހަ މެޗުން ހޯދި 16 ޕޮއިންޓާއިއެކު ބާސެލޯނާއެވެ. ދެވަނާގައި އޮތް ޖިރޯނާއަށް ވެސް ވަނީ ހަ މެޗުން 16 ޕޮއިންޓް ލިބިފައެވެ. ރެއާލް ތިންވަނާގައި އޮތީ ހަ މެޗުން ލިބުނު 15 ޕޮއިންޓާއި އެކުގައެވެ.

ރޭގެ މެޗު ފަށައިގެން އެތުލެޓިކޯ މެޑްރިޑުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މެޗުގެ ފުރަތަމަ ވިހި މިނެޓް ތެރޭ އެތުލެޓިކޯއިން ވަނީ ރަނގަޅު ފުރުޞަތުތަކެއް ހޯދައި ރެއާލް ކޮޅަށް ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު ހަތަރުވަނަ މިނެޓުގައި ލިނޯ ރެއާލްގެ އޭރިއާތެރެއަށް މަތިން ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބު ކޮށްދިނީ މޮރާޓާއެވެ.

ދެވަނަ ލަނޑު 18 ވަނަ މިނެޓުގައި އެތުލެޓިކޯގެ ނިގުއޭޒް ރެއާލްގެ އޭރިއާތެރެއަށް މަތިން ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ ގްރިޒްމަންއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުން ވަނީ ލަނޑުޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު 35 ވަނަ މިނެޓުގައި އެތުލެޓިކޯގެ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކޮށްދިނީ ޓޯނީ ކްރޫސްއެވެ. ފުރަތަމަ ހާފުގެ ފަހު ވަގުތު ރެއާލުން އިތުރު ލަނޑެއް ޖެހިނަމަވެސް އެ ލަނޑު ވީއޭއާރުން ބެލުމަށް ފަހު އޮފްސައިޑް ވުމުން ވަނީ ބަލައިނުގަނެފައެވެ.

މެޗުގެ ދެވަނަ ފާހުގެ ފުރަތަމަ މިނެޓުގައި ރެއާލުގެ އޭރިއާތެރެއަށް ނިގުއޭޒް މަތިން ނަގައިދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މޮރާޓާ ވަނީ އެތުލެޓިކޯއަށް ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. އެތުލެޓިކޯއިން ޖެހި ތިން ލަނޑުގައި ވެސް ރެއާލުގެ ޑިފެންސް ލައިނުން ވަނީ ބޮޑެތި ގޯސްތަކެއް ފެނިގެން ގޮސްފައެވެ.