އުތުރު ތިލަފަޅުގައިވާ އެމްއެންޑީއެފްގެ ސަރަހައްދަށް ހުއްދަނެތި ބަޔަކު ވަން މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެމްއެންޑީއެފް އިން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ރާއްޖޭގެ އޮންލައިން ނޫހެއްގެ ނޫސްވެރިންތަކެއް އެމްއެންޑީއެފްގެ ހުއްދަ ނެތި އުތުރު ތިލަފަޅުގައިވާ އެމްއެންޑީއެފްގެ ސަރަހައްދަށް އިއްޔެގެ ވަގުތެއްގައި އަރަން ކުރި މަސައްކަތަކީ ސީރިއަސް މައްސަލައެއް ކަމަށެވެ.
އެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދޭން އެދޭނެ ކަމަށާއި އެމްއެންޑީއެފްގެ މަރުކަޒުތަކަކީ ސިފައިންގެ ހުއްދަ ނެތި ވަނުން މަނާ ތަންތަންކަން އެ ބަޔާނުގައި ވަނީ ހަނދާންކޮށްދެއްވާފައެވެ. އަދި އެފަދަ ތަނަކަށް ހުއްދަ ނެތި ބަޔަކު ވަންނަން މަސައްކަތް ކުރާ ނަމަ، އެކަން ހުއްޓުވުމަކީ ސިފައިންގެ ގާނޫނާއި ގަވާއިދުތަކުން ސިފައިންގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެއް ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އެގޮތުން ސިފައިންގެ ބަނދަރު ތަރައްގީ ކުރަމުން އަންނަ ސަރަހައްދަށް ހުއްދަ ނެތި އެރުމަށް މަސައްކަތް ކުރުމުން އެކަން ހުއްޓުވުމަށް އެ ރަށުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އެމްއެންޑީއެފްގެ ސާޖެންޓް ފަސްޓް ކްލާސް ރޭންކުގެ ބޭކަލެއް މަސައްކަތްކޮށްފައި ވަނީ ވެސް އެ އުސޫލުން ކަމަށް އެމްއެންޑީއެފްގެ ބަޔާނުގައި ވެއެވެ.
“ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައި ވެސް އަސްކަރިއްޔާގެ މަރުކަޒުތަކަށް ހުއްދަ ނެތި އެއްވެސް ފަރާތަކުން ވަނުމަށް މަސައްކަތްކޮށްފި ނަމަ އެކަން ހުއްޓުވުމަށް ހަތިޔާރުގެ ބޭނުންކުރުން ވެސް ހުއްދަކުރެވިފައިވާކަން ފާހަގަކުރަމެވެ.”އެ ނޫސްބަޔާނުގައި ވެއެވެ.
މީގެ އިތުރުން އެ އިދާރާގެ ހުއްދަ ނެތި އެމްއެންޑީއެފްގެ މަރުކަޒަކަށް ވަނުމަށް މަސައްކަތްކުރި ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި އެހާމެ ސީރިއަސް މައްސަލައެއްކަމުގައި ދެކޭތީ، އެ ފަރާތްތަކާމެދު ގާނޫނާއި ގަވާއިދުގެ ތެރެއިން ފިޔަވަޅުއަޅުއްވައި ދެއްވުމަށް އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!