އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސް އިން ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމި ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނަޝީދުގެ ތާއީދު ހޯއްދެވުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް ސޯލިހާއި ނަޝީދު އެކުގައި ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމަށް ފަހު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދެ ބޭފުޅުން ވެސް ރާއްޖޭގެ ސިޔާސީ މަޝްރަހާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޝްވަރާތައް ކުރިއަށް ދިޔައީ މައިގަނޑު ދެ ކަމަކާ ގުޅޭ ގޮތުންނެވެ.

Ad
rt

އެއް ކަމެއްގެ ގޮތުގައި މަޝްވަރާ ކުރެއްވީ ރައްޔިތުންގެ މަޖިލިހުން ފާސް ކުރި ނިޒާމީ ވޯޓު ނެގުމާ ގުޅޭ ގޮތުން ކަންކަން ކުރިއަށް ގެންދާނެ ގޮތަކާ މެދުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކި ކަމަށް ރައީސް ވިދާޅުވިއެވެ.

ދެވަނަ ބުރުގައި އެމަނިކުފާނަށް ތާއީދު ދިނުމާ ބެހޭ ގޮތުން ނަޝީދާ މަޝްވަރާ ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަކު، އޭގެ ތަފްސީލްތައް ރައީސް ނުދެއްވައެވެ.

"އެކަމާ (ދެވަނަ ބުރާ) ބެހޭ ގޮތުން ވާހަކަ ދެއްކިން، އޭގެ ތަފްސީލްތައް ފަހުން ހާމަ ކުރާނަން،" ރައީސް ވިދާޅުވި އެވެ.

އެންމެ ގިނަ ވޯޓާ އެކު، ހޮނިހިރު ދުވަހު ބާއްވާ ދެ ވަނަ ބުރުގެ ވޯޓުގައި ވާދަކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އޭނާ އަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.

މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ނަޝީދުގެ ދަ ޑިމޮކްރެޓްސް ޕާޓީން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ނެރުނެވެ. އިލްޔާސް ވަނީ އިންތިހާބުގައި 15،000 އަށް ވުރެ ގިނަ ވޯޓާ އެކުގައި ތިން ވަނަ އަށް ވަޑައިގެންފައެވެ. ނަމަވެސް ދެވަނަ ބުރުގައި އެމްޑީޕީ އާއި ޕީޕީއެމްގެ ތެރެއިން އެއްވެސް ޕާޓީއެއްގެ ފަހަތަށް ނާރަން ޑިމޮކްރެޓްސް އިން ވަނީ ނިންމައިފައެވެ.