ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިލިމާލޭގެ ގޭގެއަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.
މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ރައީސްގެ އެންމެ ބޮޑު އަމާޒަކަށްވެފައި އޮތީ މާލެ ސަރަހައްދެވެ. ފުރަތަމަ ބުރުގައި އަތޮޅު ތެރޭގެ ރަށްތަކަށް ވަޑައިގެންނެވި ނަމަވެސް ދެވަނަ ބުރުގައި އަދި ރަށްތަކަކަށް ވަޑައިގަންނަވަން ނުފައްޓަވައެވެ. އެކަމަކު، އެމަނިކުފާނު އެންމެ ފަހުން ވިދާޅުވެފައި ވަނީ ކެމްޕެއިންގެ ފަހު ދުވަސްތަކުގައި ވީ މިންވަރަކުން ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިއަދު ހަވީރު ރައީސް ސޯލިހް ވިލިމާލެ އަށް ވަޑައިގެންނެވީ ރައްޔިތުން ދަތުރު ކުރަމުން އަންނަ އެމްޓީސީސީގެ ފެރީއެއްގައެވެ. ރައީސް ވަނީ ވިލިމާލޭގެ ބައެއް ގޭގެއަށް ޒިޔާރަތް ކުރައްވައި ރައްޔިތުން ޝަކުވާތައް އަޑު އައްސަވައިފަ އެވެ. އަދި ރައްޔިތުންގެ ޝަކުވާތަކަށް ހައްލެއް ގެނެސް ދެއްވާނެ ކަމުގެ ޔަގީން ވަނީ ދެއްވައިފައެވެ.
އެމްޑީޕީގެ ކެމްޕެއިން ޓީމުން ބުނާ ގޮތުގައި ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނަށް ބޮޑު ތަރުހީބަކާއި ތާއީދެއް އެ އަވަށުން ލިބިފައިވެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހްގެ އިތުރުން ވާދަކުރައްވާނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. މި ދެ ބޭފުޅުންގެ ތެރެއިން މުއިއްޒު ފުރަތަމަ ބުރުގައި ދިޔައީ އެއް ވަނައަށެވެ. ދެވަނަ އަށް ދިޔައީ ރައީސް ސޯލިހެވެ. މުއިއްޒަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ރައީސް ސޯލިހަށް 86،161 ވޯޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!