އެބައެއްގެ ޢިލްމީ މުއްސަނދިކަން ފެތުރުމަށްޓަކައި ލިޔުންތެރިކަން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ، "ޔުނިވަރސިޓީ ބުކް ރައިޓިންގ ގްރާންޓް" ގެ ދަށުން ނެރުއްވާ ފޮތްތައް ނެރެދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ލިޔުންތެރިކަމަކީ އެބައެއްގެ ޢިލްމީ މުއްސަނދިކަން ފެތުރުމަށްޓަކައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެކެވެ.
ލިޔުންތެރިކަމުގެ ދާއިރާއިން ފުރުޞަތު ފަހިކޮށްދެއްވުމަށް ޤައުމީ ޔުނިވަރސިޓީން "ޔުނިވަރސިޓީ ބުކް ރައިޓިންގ ގްރާންޓް" ފެއްޓެވިކަމަށްޓަކައި އެކަމަށް ޤައުމީ ޔުނިވަރސިޓީއަށް ޝުކުރުއަދާކުރެއްވުމާއެކު ނައިބު ރައީސް ވަނީ ވާހަކަ ދައްކާއިރު ދިވެހި ބަސް އޭގެ ރަނގަޅު ގޮތުގައި ބޭނުންކުރުމަށް ބާރުއަޅުއްވާފައެވެ. އަދި އެބައެއްގެ މާދަރީބަހަކީ އެބައެއްގެ އަސްލު އަންގައިދޭ ސިފައެއްކަން ފާހަގަކުރައްވައި ދިވެހިބަސް ކުރިއެރުވުމަށް މަސައްކަތްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވެވިއެވެ.
"ޔުނިވަރސިޓީ ބުކް ރައިޓިންގ ގްރާންޓް" ގެ ދަށުން މި އަހަރު 3 ލިޔުންތެރިން ވަނީ ފޮތް ނެރުއްވާފައިވާއިރު، މިއަދު ފެށި 'އެމް.އެން.ޔޫ. ފޮތް މައުރަޒު'' ގައި ވަނީ 23 ފަރާތަކުން ބައިވެރިވެފައެވެ.
މި މައުރަޒު ކުރިއަށްދާނީ މި ސެޕްޓެމްބަރ މަހުގެ 20 ން 22 އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!