މެސީއާއި ރޮނާލްޑޯ ނުލައި ޗެމްޕިއަންސް ލީގު މި ހަފްތާގައި ފަށަނީ

IMG_0981

ފާއިތުވި ވިއްސަކަށް އަހަރު ޔޫރަޕްގެ ފުޓްބޯޅައިގައި އެންމެ ވާދަވެރި ދެ ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލައިނަލް މެސީ ނުލައި، ޔުއެފާ ޗެމްޕިއަންސް ލީގު 2023/24 ސީޒަން މިރޭ ފަށާނެއެވެ.

ރޮނާލްޑޯއާއި މެސީއަކީ ފާއިތުވި ވިއްސަކަށް އަހަރު ވެސް ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ނުފޫޒުގަދަ ދެ ކުޅުންތެރިންނެވެ. ރޮނާލްޑޯ ޖުމްލަ ފަސްފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު މެސީ ވަނީ ޗެމްޕިއަންސް ލީގު ތިންފަހަރު ކާމިޔާބު ކޮށްފައެވެ. މިހާތަނަށް ޗެމްޕިއަންސް ލީގުގެ ގިނަ ރެކޯޑްތަކެއް ވެސް މި ދެ ކުޅުންތެރިން ހިއްސާ ކުރެއެވެ. ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ލިސްޓްގެ ކުރީގައި އޮތީ ވެސް މި ދެ ކުޅުންތެރިންނެވެ. ލިސްޓްގެ އެއްވަނާގައި ރޮނާލްޑޯ އޮތީ 140 ލަނޑާއި އެކުގައެވެ. ދެވަނާގައި އޮތް މެސީ ވަނީ 129 ލަނޑު ޖަހާފައެވެ.

މެސީއާއި ރޮނާލްޑޯ މި އަހަރު ތެރޭ ވަނީ ޔޫރަޕް ފުޓްބޯޅަ ދޫކޮށް ގޮސްފައެވެ. މިގޮތުން މިހާރު ރޮނާލްޑޯ ކުޅެމުން އަންނަނީ ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ނަސްރަށެވެ. އަދި މެސީ ކުޅެމުން އަންނަނީ އެމެރިކާ ލީގުގެ އިންޓަ މަޔާމީއަށެވެ.

ވިހި އަހަރަށް ފަހު ޗެމްޕިއަންސް ލީގުގައި ވާދަކުރާ ނިއުކާސަލް އޮތީ ވަރުގަދަ ގްރޫޕެއްގައެވެ. ގްރޫޕް އެފްގައި ނިއުކާސަލްގެ އިތުރުން ހިމެނެނީ އިޓަލީގެ އޭސީ މިލާނާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާއި ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑެވެ.

އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އޮތީ ގްރޫޕް ޖީގައެވެ. ދެވަނަ ބުރަށް ކޮލިފައި ވުމުގައި ސިޓީއަށް ފަސޭހަވާނެ ކަމަށް ބެލެވޭ މި ގްރޫޕުގައި ދެން ހިމެނެނީ ޖަރުމަނުގެ އާރުބީ ލައިޕްޒިގްގެ އިތުރުން ރެޑް ސްޓާ ބެލްގްރޭޑާއި ޔަންގް ބޯއީސްއެވެ.

މެންޗެސްޓާ ޔުނައިޓެޑް ހިމެނެނީ ގްރޫޕް އޭގައެވެ. މި ގްރޫޕްގައި ޖަރުމަނުގެ ގަދަ ބާރު ބަޔާން މިއުނިކް އޮތްއިރު، ދެން މި ގްރޫޕްގައި ހިމެނެނީ ކޯޕަންހޭގަންއާއި ތުރުކީގެ ގަލަޓަސަރާއީއެވެ.

އާސެނަލް އޮތީ ގްރޫޕް ބީގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ޔޫރަޕާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ސެވިއްޔާއާއި ޕީއެސްވީގެ އިތުރުން ފްރާންސްގެ ލެންސްއެވެ.

ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމްކަމަށްވާ ރެއާލް މެޑްރިޑް އޮތީ ގްރޫޕް ސީގައެވެ. މި ގްރޫޕްގައި އިޓަލީގެ ނަޕޯލީގެ އިތުރުން ދެން އޮތީ ބްރާގާއާއި ޖަރުމަނުގެ ޔޫނިއަން ބާލިންއެވެ.

ގްރޫޕް ޑީގައި އެންމެ ފަހުގެ ރަނަރަޕް އިންޓަ މިލާން އޮތްއިރު ދެން އޮތީ ބެންފީކާއާއި އާރުބީ ސަލްޒްބާގާއި ރެއާލް ސޮސިއެޑާޑްއެވެ.

ގްރޫޕް އީގައި އެތުލެޓިކޯ މެޑްރިޑްގެ އިތުރުން ދެން އޮތީ ސެލްޓިކާއި ލާޒިއޯގެ އިތުރުން ނެދަލެންޑްސްގެ ފޭނޫޑެވެ. ގްރޫޕް އެޗްގައި ބާސެލޯނާ އޮތްއިރު ދެން މި ގްރޫޕުގައި އޮތީ ޕޯޓޯގެ އިތުރުން ޝަކްތަރ ޑޮނެސްކާއި އެންޓްވާޕްއެވެ.

މިރޭ ރާއްޖޭ ގަޑިން 21:45 ގައި ނިއުކާސަލް ނުކުންނާނީ އޭސީ މިލާނާއި ދެކޮޅަށެވެ. އަދި ހަމަ މި ގަޑީ ޔަންގް ބޯއީސް ނުކުންނާނީ އާރުބީ ލައިޕްޒިގްއާއި ދެކޮޅަށެވެ.

މިރޭ ރާއްޖޭ ގަޑިން 0000 ގައި ޖުމްލަ ހަ މެޗެއް ކުޅޭނެއެވެ. ފާހަގަ ކޮށްލެވޭ މެޗުތަކުގެ ތެރޭގައި ޕީއެސްޖީއާއި ޑޯޓްމަންޑް ވާދަކުރާ މެޗާއި ލާޒިއޯއާއި އެތުލެޓިކޯ މެޑްރިޑް ވާދަކުރާ މެޗު ހިމެނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *