ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް، 47 ހާހަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓަރީވާން ހުށަހަޅައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ، ރިޔާސީ އިންތިހާބު ގެ ފުރަތަމަ ބުރުގައި، 42867 މީހުން ރީ-ރަޖިސްޓަރީ ކުރަން ހުށަހެކަމަށެވެ. އަދި ދެވަނަ ބުރުގައި 47 ހާހަށްވުރެ ގިނަ މީހުންވަނީ، ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅާފައި ކަމަށެވެ.
މީގެ ތެރެއިން، 19 ހާހަށް ވުރެ ގިނަ ފޯމު ވަނީ އިއްޔެގެ ނިޔަލަށް، ރަޖިސްޓަރީ ކޮށްދެވިފައިވާ ކަމަށާއި، އަދި 27 ހާހަށް ވުރެ ގިނަ ފޯމު ގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް އީސީ އިން ކުރަމުން އަންނަކަމަށް ހަބީބު ވިދާޅުވިއެވެ.
''ސައްހަކަން ކަށަވަރުވިހާ އަވަހަކަށް ރީ-ރަޖިސްޓަރީ ކުރި އެންމެންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން ޝަކުވާއަށް ހުޅުވާލާނެ. އަދި އެ ލިސްޓު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ޢާންމުކުރުމުގެ އިތުރުން، ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކާ ޙިއްޞާ ކުރާނެ.'' ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވިގޮތުގައި، ރީ-ރަޖިސްޓަރީ ކުރަން އެންމެ ގިނަ ފޯމު ހުށަހަޅާފައިވަނީ އިންތިޚާބުގެ ދެވަނަ ބުރަށް ދިޔަ ދެ ކެންޑިޑޭޓުން ނިސްބަތްވާ ދެ ޕާޓީން ކަމަށެވެ.
އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވާ ބައެއް ފަރާތްތަކުން، ހުށަހެޅި ފޯމު ޕެންޑިންގ ގައި އިންނާތީ، އަލުން ފިޒިކަލް ފޯމު ލާފައިވާކަންވެސް ފާހަގަކުރެވޭ ކަމަށް ވެސް ހަބީބު ވަނީ ވިދާޅުވެފައެވެ.
އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮަންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!