ރީ-ރަޖިސްޓްރޭޝަނަށް 25،000 ފޯމު ލިބިއްޖެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނުމުން އިދިކޮޅުން ސުވާލު އުފައްދައިފިއެވެ.
މިކަމާއި ގުޅިގެން ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ 25،000 ދިވެހިން ރީ-ރެޖިސްޓްރީ ކުރި ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމަކީ ބޮޑު އޮޅުވާލުމެއް ކަމަށެވެ. އަދި އެއީ ވަށްކަމެއް ކަމަށެވެ.
މީގެ އިތުރުން އެ އަދަދަށް ރީ-ރެޖިސްޓްރީ ކޮށްފައި ނުވާ ކަމަށް އީސީގެ ތެރެއިން މައުލޫމާތު ލިބިފައިވާ ކަމަށާއި މި ވައްކަން ހުއްޓުވަން އެންމެހާ ރައްޔިތުން މިއަދު މެންދުރު 1 ޖަހާއިރު، އީސީގެ ދޮށަށް ވަޑައިގަތުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
އިލެކްޝަންސް ކޮމިޝަން ގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އިސްމާއިލް ހަބީބު ޓެގް ކުރައްވާ ސުޖާއު ކުރައްވާފައިވާ ޓްވޯޓީގައި އިތުރަށް ވިދާޅުވީ އެ ކޯލިޝަނުން ވަރަށް ގާތުން އެކަން ބަލަމުން އަންނަކަމަށެވެ.
"ތިބޭފުޅުން ވައްކަން ނުކުރާތި. ތިބޭފުޅުން ޖަވާބު ދާރީ ކުރުވާނަން." ސުޖާގެ ޓްވީޓުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ ކައުންސިުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މިކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަ ދައްކަވާފައެވެ.
މުއއިްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެ ދުވަސް ތެރޭގައި އެހާ ގިނަ އަދަދެއްގެ މީހުން ރީރެޖިސްޓަރީ ވާން އެދުމުން ސުވާލު އުފެދޭ ކަމަށާއި އެހެންވެ، ސިޔާސީ ޕާޓީތަކުންނާއި ބައިނަލްއަގްވާމީ އޮބްޒާވަރުންނާއި މޮނިޓަރުން އެކަން ރަނގަޅަށް ބެލުމަށް މުއިއްޒު ވަނީ ގޮވައިލައްވާފައެވެ.
މިކަމާއި ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދެ ދުވަސް ތެރޭގައި 25 ހާހަށް ވުރެ ގިނަ ފޯމު ރީ-ރަޖިސްޓަރ ކުރަން އީސީ އަށް ލިބުނުކަމަށް ބުނުމަކީ ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި އެއީ ކަންބޮޑުވާ ކަމެއް ކަމަށާއި އެކަން ބަލަންޖެހޭ ކަމަށެވެ.
''މި ފޯމުތައް ވެއްދި ބަޔަކު އިލެކްޝަން ކޮމިޝަނަށް އިންގެންޖެހޭ، ރައްޔިތުން މަޑުން ތިއްބާ ރައީސް ޞާލިޙް ތިޔަ އުޅުއްވަނީ މަސްލަހަތު ނަގައިލަން'' ޝިޔާމް ވިދާޅުވެފަވެއެވެ.
މި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ކުރިން ވޯޓުލީ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން ރީ-ރެޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލި ފުރުސަތު މިއަދު ހަވީރު 4 ޖަހާއިރު ހަމަވާނެއެވެ.
މި މަހުގެ 15 ވީ ހުކުރު ދުވަހު ހުޅުވައިލި މި ފުރުސަތު މިއަދު ހަވީރު 4 ޖަހާއިރު، ބަންދުވާއިރު، އީސީގެ ނައިބު ރައީސް ހަބީބު ވިދާޅުވެފައިވަނީ އިއްޔެގެ ނިޔަލަށް 25،493 އަށްވުރެ ގިނަ ފޯމު ރީ-ރަޖިސްޓްރީކުރަން ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން ފުރަތަމަ ދުވަހު 9206 ފޯމު އަދި ދެވަނަ ދުވަހު 16287 ފޯމު ހުށަހަޅާފައިވާ ކަމަށާއި އޮންލައިންކޮށް ފުރަތަމަ ދުވަހު 7267 ފޯމު އަދި ދެވަނަ ދުވަހު 11،082 މީހަކު ހުށަހަޅާފައިވާ ކަމަށް ހަބީބު ވަނީ ވިދާޅުވެފައެވެ. އަދި މިހައިތަނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 10،271 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީކޮށްދީފައިވާ ކަމަށާއި އެކި ސަބަބުތަކާހުރެ 1546 ފޯމު ރިޖެކްޓްވެފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ވިދާޅުވެފައިވަނީ ރީ-ރަޖިސްޓްރީ ކުރުމަށް މިއަދު ހަވީރު 4 ޖެހުމުގެ ކުރިން ހުށަނާޅައިފިނަމަ، ރިޔާސީ އިންތިހާބުގައި ދެން އެ ފުރުސަތު ލިބުމަކީ ނާދިރުކަމެއް ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ވޯޓުލުން މި މަހުގެ 30 ވާ ހޮނިހިރު ދުވަހު ބާއްވާއިރު، ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް 408 ޒުވާނުން ވަނީ އިތުރުވެފައެވެ.
އީސީ އިން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބު 2023 ގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓުގައި ހިމެނޭ 282395 މީހުންގެ އިތުރަށް، ދެވަނަ ބުރުގެ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ސެޕްޓެމްބަރ 30 އަށް 18 އަހަރު ފުރޭ 408 ޒުވާނުން އިތުރު ވެފައިވާ ކަމަށެވެ. އެއީ 196 އަންހެންނާއި 212 ފިރިހެން ކަމަށް ވެސް ހަބީބު ވިދާޅުވެފައި ވެއެވެ.
އެހެންކަމުން، ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ޖުމްލަ ޢަދަދަކީ 282803 އެވެ.
މިއަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 8 ކެންޑިޑޭޓުން ވާދަކުރައްވާފައިވާއިރު، އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ އަށްވުރެ މަތިން ވޯޓު ލިބިވަޑައިގެންފައި ނުވާތީ، ދެވަނަ ބުރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
އެގޮތުން ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބާއްވާ ދެވަނަ ބުރުގެ ވޯޓުލުމުގައި ވާދަލުރައްވާނީ ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!