ހުރިހާ މަސައްކަތްތެރިންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި މިރޭ ހދ. ނޮޅިވަރަމްފަރުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ގައުމުގެ އެންމެ ފަހުރުވެރި ދެ މުއައްސަސާއަކީ ފުލުހުންނާއި ސިފައިންގެ މުއައްސަސާ ކަމަށެވެ. އެ ދެ މުއައްސަސާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރާ ވާހަކަ ދެއްކީމަ، އެކަން ކުރާނެ ގޮތުގެ ސުވާލު އުފެއްދި ކަމަށް އޭނާ ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެކަން ކުރާނީ އިގުތިސޯދު ނަގާ ކޮޅަށް ޖެހުމަށްފަހު މަރުހަލާތަކަށް ބަހާލައިގެން ކަމަށެވެ.
މުއިއްޒު ތަފްސީލް ދެއްވީ ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަ ކުރާނެ ގޮތެވެ. އެގޮތުން 2024 ވަނަ އަހަރު 35 ޕަސެންޓް ބޮޑުކޮށް، 2026 ވަނަ އަހަރު 35 ޕަސެންޓް އަދި 2028 ވަނަ އަހަރު ބާކީ 30 ޕަސެންޓް ބޮޑުކޮށް، މުސާރަ ދެ ގުނަ ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ސިވިލް ސާވިސް އާއި ޔުނިފޯމް އެޅި އެހެން އިދާރާތަކާއި މިނިވަން މުއައްސަސާތައް ވެސް ހިމެނޭ ގޮތަށް މުސާރަ ބޮޑު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"ރާއްޖޭގެ އިގްތިސާދު އަޅުގަނޑުމެން ކުރިއަރުވައި ކޮޅަށް ޖަހައި ކުރިއަށް ގެންދަން ހުށަހަޅާ ހުށަހެޅުމުގެ ތެރެއިން އިރާދަކުރެއްވިއްޔާ މި ހުރިހާ މަސައްކަތްތެރިންގެ މުސާރަ އާއި އެލަވަންސްތަކަށް ހެޔޮ ބަދަލުތަކެއް އަޅުގަނޑުމެންގެ ފަސް އަހަރު ގެނެސްދޭނަން." މުއިއްޒު ވިދާޅުވިއެވެ.
މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ހެޔޮ ބަދަލެއް ގެނެސްދެނީ ތަރައްގީއާއެކު ރާއްޖެ ކުރިއަށް ގެންދިއުން ކަމަށާއި އެކަމުގައި ރައްޔިތުންނަށް އަމަލީ ގޮތުން މަސައްކަތްތައް ކޮށްދޭން ތިބީ މުވައްޒަފުން ކަމަށް އޭނާ ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ހަމަޖެހޭ މާހައުލެއް ހޯދައިދީގެން ނޫން ގޮތަކަށް ޒިންމާދާރު މުވައްޒަފުންތަކެއް ނުލިބޭނެއެވެ.
"ހުރިހާ ސެކްޓަރެއްގެ މުވައްޒަފުންނަކީ ގައުމު ކުރިއަށް ގެންދިޔުމުގައި ރައްޔިތުންނަށް ކަންކަން ކޮށްދޭން ހަގީގީ މަސައްކަތް ކުރާ ފަރާތްތައް. އެމީހުންނަށް އެއްވެސް ވަރެއްގެ ހިތްހަމަޖެހުމެއް ނޯވޭ. ޝައުގުވެރިކަން ނޯވޭ. އެކަށީގެންވާ މުސާރައެއް ނުލިބޭތީ. މުސާރަ ކުޑަވީމަ ވަޒީފާ ދޫކޮށްލާ. ހުންނަން ޖެހޭ މަސައްކަތުގެ އަހްލާގު ވަރަށް ދަށްކޮށް ހުންނަނީ. އެމީހުންނަށް ފަރުވާތެރިކަމާއި ޒިންމާދާރުކަމާ އެކު މަސައްކަތް ކުރާނެ މާހައުލެއް ހޯދައިދޭން ޖެހޭ." މުއިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!