މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކީ ފައިނަލް މެޗެއްގެ ގޮތުގައި ސިފަ ކުރައްވައި ވެރިކަން ކުރާ އެމްޑީޕީން އެ މެޗު ކާމިޔާބު ކުރައްވާނީ 5-3 ގެ ނަތީޖާއަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަކީ ފައިނަލްގެ ފުރަތަމަ ހާފް ކަމަށެވެ. ފުރަތަމަ ހާފް ނިމުނު އިރު، އިދިކޮޅު އޮތީ 3-1 އިން މޮޅުވެފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ad
rt

މިމަހުގެ 9 ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ކުރި ހޯއްދެވީ އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒު 101,494 ވޯޓު ހޯއްދެވިއިރު ރައީސަށް ލިބިވަޑައިގަތީ 86,166 ވޯޓެވެ. އެކަމަކު، އެއްވެސް ބޭފުޅަކަށް %50 އަށް ވުރެ ގިނަ އިން ވޯޓު ލިބިފައި ނުވާތީ ދެވަނަ ބުރެއް ބާއްވަން ވަނީ ޖެހިފައެވެ. ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގައި އެއްވަނަ ހޯއްދެވި މުއިއްޒާއި ދެވަނަ ހޯއްދެވި ރައީސް ސޯލިހެވެ.

ރައީސް ވިދާޅުވީ މެޗުގެ ފުރަތަމަ ހާފް ނިމުމަކީ މެޗު ނިމުން ނޫން ކަމަށެވެ. ބައެއް ފަހަރު މެޗުގެ ފުރަތަމަ ހާފުގައި ބަލިވި ނަމަވެސް ފަހު ހާފްގައި ޖަހާ ގޯލްތަކުގެ ސަބަބުން މޮޅުވާ ފަހަރު އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންވެ، ދެވަނަ ހާފްގައި ކުރި ހޯއްދަވާނެ ކަމަށް ވިދާޅުވިއެވެ.

"ދެވަނަ ހާފްގައި އަޅުގަނޑުމެން އެ ވަރަށް ހަމަކޮށް އިތުރަށް ދެ ލަނޑު ޖަހައި ފަސް ލަނޑުން މި މެޗު އަޅުގަނޑުމެން ކާމިޔާބު ކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހާފް ޓައިމްގައި ޗޭންޖިން ރޫމަށް ވަދެ، މެޗު ރާވާލައްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދެވަނަ ބުރު ކުޅޭނެ ގޮތް އިންތިޒާމުކުރުމާއި ބައެއް މަގާމުތަކަށް ކުޅޭ މީހުން ބަދަލުކުރުމާއި ބުންވަރު ހުރި މީހުން ކުރިއަށް ނެރެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިހާރު މިދަނީ އެޓޭކް މޯޑުގައި. އިރާދަކުރެއްވިއްޔާ ގޯލް ދެން ޖަހާނީ. ގޯލަކަށް ފަހު ގޯލެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ހޮނިހިރު ދުވަހުގެ އިންތިހާބުގައި ފަރުވާ ކުޑަ ކުރެވިފައި ހުރި ކަންކަން އެބަހުރި ކަމަށެވެ. ފުރަތަމަ ހާފް ގެއްލިގެން ދިޔައީ އެ ސަބަބާ ހުރެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަދު މިއޮތީ ރީ ރަޖިސްޓްރޭޝަން ފެށިފައި. އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ހުރިހާ ދާއިރާއަކުން އެކަމަށް އިސްވެ ރީ ރަޖިސްޓްރޭޝަން ރަނގަޅަށް ކުރުން. ވަރަށް ބައިވަރު މީހުންނަށް ވޯޓު ނުލެވި އެބައޮތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިކަން ކުރުމަށް ފަހު، ދޮރުން ދޮރަށް ހިނގައި އިންތިހާބުގެ މުހިންމު ކަން ކިޔައި ދޭން ޖެހޭ ކަމަށެވެ. ރައްޔިތުންނަށް އޮޅުވާލަން ވެގެން އެތައް ވައުދެއް ވަމުންދާ ކަމަށާއި އިންތިހާބު އިދިކޮޅު ފަރާތްތަކަށް ކާމިޔާބުވިޔަ ދީގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.