ހދ. އަތޮޅުގެ ރަށްރަށުން އެދޭ ކަމަކީ އިގްތިސާދީ ކުރިއެރުން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ހދ. ނެއްލައިދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ ނެއްލައިދޫ ރައްޔިތުންނެކޭ އެއްގޮތަށް މި އަތޮޅުގެ ރައްޔިތުން އެދޭ ކަމަކީ އިގްތިސާދީ ކުރިއެރުން ހޯދުން ކަމަށެވެ. މި އަތޮޅުގައި ރިސޯޓުތައް ތަރައްގީ ނުކުރެވި ހުރިކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ ރިސޯޓު އިންޑަސްޓްރީ އަށް ފަހި ފުރުސަތުތަކެއް ހޯދައި ދިނުމަށް އެކި ކަހަލަ ސިޔާސަތުތަކެއް ވިސްނައި ޕްލޭންކޮށްފައިވާ ކަމަށެވެ.

Ad
rt

މުއިއްޒު ވިދާޅުވީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ފުރިހަމަ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީވަމުންދާ ކަމަށެވެ. އެއާޕޯޓާ ގުޅިގެން މި އަތޮޅަށް ވަރަށް ގިނަ އެނދުތައް ގެނައުމަށް ބޭނުންވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"އެއީ އަބަދު ދެކެވޭ ވާހަކައަކަށް އޮތުމުގެ ބަދަލުގައި ހަގީގަތަކަށް ހަދައި ދޭނަން އިރާދަކުރެއްވިއްޔާ." މުއިއްޒު ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ކޮންމެ ސިޔާސީ ޕާޓީއެއްގައި ހުރި ކަމުގައި ވިޔަސް، ދޭން ޖެހޭ ސަމާލުކަން ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ވެރިކަމަށް އަންނަނީ ވަކި މީހަކަށް ވަކި ކަމެއް ކޮށްދިނުމަށް ނޫން ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އަދުލުވެރިކަން ގާއިމުކޮށް އިންސާފުވެރިވާނެ ކަމަށް ވިދާޅުވިއެވެ.

"މާނައަކީ ކޮންމެ ރައްޔިތަކަށް ދޭން ޖެހޭ ހައްގު، އެންމެ ފުރިހަމަ އަށް އަދާކޮށް ދިނުމުގައި ސަމާލުކަން ދޭނަމޭ. އެއްވެސް މީހަކު ބާކީނުކޮށް ހުރިހާ ރައްޔިތުންނަށް، އެއީ ކޮންމެ ޕާޓީއެއްގައި ހުއްޓަސް އެ ދޭން ޖެހޭ ސަމާލުކަން ދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ ރައްޔިތަކަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި އެންމެ ފުރިހަމަ އަށް އަދި ކޮށްދެވެން އޮތް ގޮތެއް ބަލައިގެން ކޮށްދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ މައިގަނޑު ފަލްސަފާއަކީ. އެހެންވީމަ މި ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ވެސް އަޅުގަނޑުމެންގެ މަސައްކަތް ހުންނާނީ އެގޮތަށް." މުއިއްޒު ވިދާޅުވިއެވެ.