ދިވެހި ސަރުކާރުން އެކިއެކި ގައުމުތަކާއި ބޭންކްތަކުން ނަގާފައިވާ ލޯނުތައް ރީފައިނޭންސްކުރުމަށް ރަހުމަތްތެރި ބައެއް ދިމާތަކުން މިހާރު ވެސް ފެހި ސިގްނަލް ލިބިފައިވާ ކަމަށް އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ހދ. ކުރިނބި އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ވެރިކަމަށް އަންނަނީ ރައްޔިތުންނަށް ހިދުމަތް ކުރަން ކަމަށެވެ. ރަށްރަށް ތަރައްގީ ކުރުމަށް ކޮންމެ އަހަރަކު ވެސް ދައުލަތަށް ފައިސާ ވަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، މި ސަރުކާރުން މިސް މެނޭޖް ކުރާތީ ރަށްރަށުގައި ހިންގަން ޖެހޭ ތަރައްގީގެ މަޝްރޫއުތައް ނިމިފައި ނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

Ad
rt

"މާނައަކީ ކުރަން ނުޖެހޭ ހަރަދު ކުރަނީ. އިސްކަން ދޭންވާ ކަންކަމަށް އިސްކަން ނުދެވެނީ. ފައިސާ ޗާޕް ވެސް ކުރަނީ. މުސާރަ ދިނުމަށްޓަކައި ލޯން ނަގަނީ. މިހެން ގޮސް އެ ފުށް މިފުށަށް ޖެހިފައި މިއޮތީ. މައިގަނޑު އިގްތިސާދީ އަސާސްތައް އެކޮޅުކޮޅުން ޖެހިފައި ވަނީ،" މުއިއްޒު ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީން ވެރިކަމަށް އަންނަނީ ފައިސާ ޗާޕް ކުރުން ނިމުމަކަށް ގެނެސް، އިގްތިސާދު ހަމައަކަށް އަޅުވަން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ދައްކަން ހުރި ލޯންތައް ދެއްކުމަށް ފަހި ފުރުސަތުތަކެއް މިހާރު ވެސް އެބައޮތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މިހާރު ވެސް އަޅުގަނޑުމެންނަށް ގާތް ރަހުމަތްތެރި ބައެެއް ދިމަދިމާލުން އެބަހުރި ގްރީން ސިގްނަލް ލިބިފައި މި ހުރި ބޮޑެތި ލޯނުތައް ރީފައިނޭންސް ކުރެވޭނެ ގޮތްތައް. އެހެންވީމަ އަަޅުގަނޑުމެންނަށް ކަންބޮޑުވުމެއް ނެތޭ، ހަމަ ހަގީގަތުގައި ވެސް އެއްވެސް ކަންބޮޑުވުމެއް ނެތް މި އިގުތިސާދު ސިޔާސަތު ހައްލު ކުރުމުގައި،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މުޅި ގައުމުގެ ހައުސިން ސިޔާސަތު އިއުލާންކޮށްފައިވާ އިރު، އެ ސިޔާސަތުގައި އޮންނާނީ އެންމެންނަށް ހަމަހަމަކަމާ އެކީގައި އެކަން ކޮށްދޭ ވާހަކަ ކަމަށެވެ. ރޯ ހައުސް ނުވަތަ ފްލެޓަކީ އެ ރަށެއްގައި ބިމުގެ ޖާގަ ނެތިއްޔާ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"މިސާލަކަށް ރަށުގެ ޖާގަ ނެތް ކަމަށްވާ ނަމަ، ބަރިއަކަށް ރޯހައުސް ހެދިދާނެ. ނޫނީ ފްލެޓު ވެސް އެޅިދާނެ. ޖާގަ އެކަށީގެންވާ ވަރަށް އޮތިއްޔާ ވަކިވަކި އިންޑިވިޖުއަލް ގޯތީގައި އަޅުގަނޑުމެން ތައާރަފް ކުރަން ހުށަހަޅާ %5 އަށް ވުރެ ކުޑަ އަމިއްލަ އަށް ވެސް ފޯރުންތެރިކަމާ އެކީގައި ނެގޭ ކަހަލަ ލޯންތައް ނަގައިގެން ރަހުނު ވެސް ބަހައްޓާކަށް ނުޖެހޭނެ. އިސްލާމިކް ކޮންސެޕްޓްގެ ލޯނެއް. އެ ލޯންތައް ނަގައިގެން އަމިއްލަ އަށް ގެދޮރު އިމާރާތް ކުރެވޭނެ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ކޮންޓްރެކްޓަށް ފައިސާ ދޭ އުސޫލުން ކަންކަން ކުރީމަ، ޔަގީންކަމާ އެކީގައި ގެދޮރު އެޅޭނެ ކަމަށެވެ.

ބައެއް މީހުން ގެދޮރު އަޅަން ފަށާފައި ހުއްޓިފައި ހުރީމަ، އެފަދަ ގޯތިތައް ނިންމަން ލޯނެއް ތައާރަފް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ޖާގަ ހުރެއްޖެ ނަމަ، އެންމެ ރަނގަޅު ވާނީ ތަނަވަސް ގޮތެއްގައި ގޯތި ބިނާވެގެން ދިއުމަށެވެ.

މުއިއްޒުގެ ވާހަކައިގައި ވަނީ ކުރިނބީ ރައްޔިތުންނަށް ބޭނުންވާ ގެދޮރުގެ ޔަގީންކަން ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.