ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުން ދިވެހިންނަށް ހޯއްދަވައިދެއްވި، ދިވެހި ޤައުމިއްޔަތާއި ދިވެހިންގެ މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކޮށްދިނުން ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ މުނާޞަބާގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ.

Ad
rt

މި ޚިޠާބުގައި ރައީސް ވިދާޅުވީ، ޤައުމީ ދުވަހުގެ ހަނދާންތައް އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދޭ އެންމެ މަތިވެރި ޒިކުރާއަކީ، ދިވެހި އުންމަތުގެ ޙައްޤުގައި އުތީމު ތިން ބެއިންނާއި ދެ ހާޖީންނާއި ދަންޑެހެލު، އަނގަމަތި މަސްދޯންޏެއްގައި، މާސިންގާ ކަނޑުތަކުގައި ކުރެއްވި ހިތްވަރުގަދަ ޤައުމީ ޖިހާދު ކަމަށެވެ.

އެ ޖިހާދަކީ ދިވެހި ޤައުމުން މާތްވެގެންވާ އިސްލާމީ ހިދާޔަތުގެ ނޫރު ފަނޑުވިޔަ ނުދިނުމަށްޓަކައި، ކަނޑުގެ ބާޒުކަމުގައި ހެދިގެން އުޅުނު ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ވަރުގަދަ ޖިހާދު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ ދިވެހިންގެ ދާޚިލީ އަދި ޚާރިޖީ މިނިވަންކަމުގެ ދިފާޢުގައި އެ ބަޠަލުން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީއެއް ކަމަށް ވެސް ވިދާޅުވެފަވެއެވެ.

ދިވެހި ޤައުމިއްޔަތުގެ ބިންގަލަކީ، އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ، މާތްވެގެންވާ އިސްލާމް ދީނުގެ ހިދާޔަތު ކަމަށާއި، އަޅުގަނޑުމެންގެ ޤައުމީ ވަޙުދަތަކީ، ދިވެހިންގެ މާދަރީ ބަހާއި އަދަބިއްޔާތާއި ދިވެހިންގެ ތާރީޚާއި ސަގާފަތުގެ އެއްގޮތްކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ދިވެހި ޤައުމިއްޔަތުގެ ކުރިބޯއްޓަކީ، ދިވެހިންގެ ސިޔާދަތީ މިނިވަންކަމާއި، އެ މިނިވަންކަންމަތީގައި ދަމަހައްޓަމުން އަންނަ ޞުލްޙަ މަސަލަސްކަން ކަމަށް ވިދާޅުވެފަވެއެވެ.

''އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ހިތުގައި ސާބިތުކަމާއެކު ކަނޑައަޅާފައިވާ އެންމެ ވަރުގަދަ ޢަޒުމަކީ، ދިވެހި ޤައުމިއްޔަތުގެ މި އަސާސްތަކަށް ކުޑަވެސް ގުޑުމެއް އެރިޔަނުދީ ޙިމާޔަތްކޮށް ރައްކާތެރިކުރުމެވެ.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސްގެ ޚިޠާބުގައި ވިދާޅުވެފައި ވަނީ، މިއަދުވެސް ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުންގެ ހިތްވަރާއި ފަންވަރުން ދިވެހިންނަށް ހޯއްދަވައިދެއްވި، ދިވެހި ޤައުމިއްޔަތާއި ދިވެހިންގެ މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކުރުން ކަމަށެވެ.