ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މެދު އެއްވެސް ވަރަކަށް ކަންބޮޑުވުމެއް ނެތް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއެޖެއެވެ.
އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިއަދު ހދ ކުރިނބީއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ދިވެހި ރާއްޖޭގެ އިގްތިސާދީ ސިޔާސަތު ހަމައަކަށް އަޅުވާނެ ކަމަށާއި އެކަމާ މެދު އެއްވެސް ކަން ބޮޑުވުމެއް ނެތް ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދީ ހާލަތާއިމެދު އިލްމީ ބޭފުޅުން އުފައްދަވާ ސުވާލުތަކަށް އެކަމުގެ ޔަގީންކަން ދެއްވާކަމަށް ވެސް މުއްއިޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެއްވެސް ކަންބޮޑުވުމެއް ހަގީގަތުގައިވެސް ނެތް ރާއްޖޭގެ އިގްތިސާދު ހައްލު ކުރުމަށް. އެހެން ވީމާ އެޑިއުކޭޓެޑް އިލްމީ ބޭފުޅުންނަށްވެސް އުފައްދަވާ ސުވާލުތަކަށް ދޭން އޮތް ޔަގީންކަމަކީ، އަޅުގަނޑެއް ނުވާނަމޭ ނުކުރެވޭ، ނުފުއްދޭނެ ވަރުގެ ހަމަ އެންމެ ވައުދެއްވެސް." މުއިއްޒު ވިދާޅުވިއެވެ.
ހަމައެހެންމެ މުއިއްޒު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އިންރަށްރަށުގައި ކަންކަން ނުކޮށް ހުންނަ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނޭ ކަމަށާއި ކޮންމެ މަހަކުވެސް ރަށްރަށުގައި ހުންނަ ކުދިކުދި ކަންކަން ކޮށްލެވޭ ވަރަށް ދައުލަތަށް އާމްދަނީ ލިބޭ ކަމަށެވެ. އަދި ސަރުކާރުން ބޭކާރު ހަރަދުތައް ގިނަކޮށް، ކުރަން ނުޖެހޭ އެތައް ހަރަދެއް ކުރުމުން އެހެން ހުންނަ ކަންކަން ކުރުމަށް ޖާގަ ނޯންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މައިގަނޑު އިޤްތިޞާދީ ސިޔާސަތު ހަމަޔަކަށް އަޅުވާނަން. ފައިސާ ޗާޕްކުރުން ނިމުމަކަށް ގެނެސް އަދި ދައްކަން ހުރި ލޯނުތަކަށް ފައިސާ ހޯދޭނެ ގޮތްތައް އަޅުގަނޑުމެންނަށް އެބަހުރި ފަހިވެފަ. މިހާރުވެސް އަޅުގަނޑުމެންނާ ގާތް ރަހުމަތްތެރި ބައެއް ދިމަދިމާލުން އެބަހުރި ފެހި ސިގުނަލް ލިބިފައި" މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް މިހާތަނަށް ގިނަ ވައުދުތައް ވެވިއްޖެ ކަމަށާއި އޭނައަށް ނުފުއްދޭ އަދި ނުކުރެވޭ އެއްވެސް ވައުދެއް ނުވާނެ ކަމަށެވެ. އަދި ކުރިނބީގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް އެއްވެސް އުނި އިތުރު ކުރުމެއް ނެތި ފުއްދައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!