ތެލެސީމިއާ ކުދިންނަށް ފަރުވާދެވޭނެ ޒަމާނީ ސެންޓަރަކާއި ޒަމާނީ ފެންވަރުގެ ޑައިލެސިސް ސެންޓަރެއް ގާއިމުކޮށް ދެއްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ޑރ. މުޢިއްޒު މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް އިއްޔެ ފެއްޓެވި ދަތުރުގައި އދ. މަހިބަދޫ އަށް ވަޑައިގެން ރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މުޢިއްޒު ވިދާޅުވީ، ތެލެސީމިއާ ކުދިންނަށް ފަރުވާދެވޭނެ އެންމެ ފެންވަރު ރަނގަޅު އެންމެ ފުރިހަމަ ޚިދްމަތްދޭ ސެންޓަރެއް މާލޭ ސިޓީގެ ހުޅުމާލޭގައި ޤާއިމްކޮށްދެއްވާނެ ކަމަށެވެ. މީގެ އިތުރުން ޑައިލެސިސް ހަދަމުންދާ ފަރާތްތަކަށް މާލޭގައި މިހާރު ޑައިލެސިސް ހެދުމަށް ބޭނުން ކުރާތަން ބަދަލުކޮށް އެންމެ ޒަމާނީ ފެންވަރުގެ ޑައިލެސިސް ސެންޓަރެއް މާލޭގައި ގާއިމް ކޮށްދިނުމުގެ އިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެފެންވަރުގެ ސެންޓަރުތައް ގާއިމް ކޮށްދެއްވާނެ ކަމަށް ވެސް މުޢިއްޒު ވަނީ ރޭ ވިދާޅުވެފައެވެ.
''ޑައިބެޓިކްސް ރާއްޖޭގައި ވަރަށް ގިނަ. ޑައިބެޓިކްސްގެ ހުރިހާ ބަލިތަކަށް ބޭނުންވާ ފަރުވާ ލިބޭނެ ވަސީލަތްތަކާއެކު ފުރިހަމަ ނިޒާމެއް ގާއިމް ކުރާނަން'' މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ޕެންޝަން ފަންޑުން އިތުރު ބޭނުންތައް ކުރެވޭ ގޮތް ހައްދަވައި ދެއްވުމާއި، ދައުލަތުގެ ބަޖެޓުން ނޫސްވެރިކަމަށް ޚާއްސަ އިންސައްތައެއް ކަނޑައަޅާ މިނިވަންކަމާއިއެކު މީޑިއާތައް ހިންގޭނެ ގޮތް ހައްދަވައިދެއްވުން ފަދަ މުހިންމު ވައުދުތަކެއް ރޭ މުޢިއްޒު ވަނީ ވެވަޑައިގެންފައެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ނިންމާފައި ވާއިރު، ދެވަނަ ބުރުގެ ކެމްޕޭނަށް މުޢިއްޒު އިއްޔެ ވަނީ 11 ރަށަކަށް ދަތުރު ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!