އިންޑިއާގެ މުސްލިމުންގެ ހައްޤުތަކަށް އުނިކަން އަންނަ ގޮތަށް ފާސްކުރި ރަށްވެހިކަމުގެ ޤާނޫނާއެކު އިންޑިއާގައި ފެށި މުޒާހަރާތައް ހޫނުވެ އެކި ސަރަހައްދު ތަކަށް މުޒާހަރާ ފެތުރެމުން އެބަދެއެވެ.

އިންޑިއާގެ މުސްލިމުންގެ އާބާދީ އެންމެ ބޮޑު އައްސާމުގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ މިހާތަނަށް ފަސް މީހުން މަރުވެފައިވާ ކަމަށް އިންޑިއާގެ ފުލުހުން ވަނީ ހާމަކޮށްފައެވެ.

Ad
rt

މިހާތަނަށް ނުވަ ސްޓޭޓަކަށް މުޒާހަރާތައް ވަނީ ފެތުރިފައެވެ.
މީގެ ތެރޭގައި ކޮލްކަޠާ، މުމްބާއީ، ޗެންނާއި، ހައިދަރްއާބާދު އަދި ވެރިކަން ކުރާ ނިއުދިއްލީ ހިމެނެއެވެ. މުޒާހަރާތައް ކުރަމުން ދަނީ ޔުނިވަރސިޓީގެ ކެމްޕަސްތައް ހިމެނޭ ޞަރަޙައްދުގައި ކަމަށް ބައިނަލްއަޤުވާމީ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ނިއު ދިއްލީގައި ކުރަމުންދާ މުޒާހަރާތަކުގައި އެ ސިޓީގެ ޕްރިސްޓީޖަސް ޖާމިއާ މިލިއާ އިސްލާމިއާ ޔުނިވަރސިޓީގެ ދަރިވަރުންގެ ތެރެއިން 2000 އަށް ވުރެ ގިނަ ދަރިވަރުން ދަނީ ރަށްވެހިކަމުގެ ޤާނޫނާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

މި މުޒާހަރާގައި އެތައް ސަތޭކަ ބައިވެރިންނަށް އަނިޔާވެފައިވާ އިރު، ގިނަ ޢަދަދެއްގެ މީހުން ވަނީ ހައްޔަރުވެސް ކޮށްފައެވެ. މި މުޒާހަރާތަކުގައި ޔުނިވަރސިޓީގެ ކޭމްޕަހަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް އެ ޔުނވަރސިޓީގެ ވައިސް ޗާންސެލަރު ނަޖުމާ އަޚުތަރު ވަނީ ވިދާޅުވެފައެވެ.

މުޒާހަރާ ކުރަމުންދާ ދަރިވަރުން ބުނެފައިވަނީ މުގުރުންނާއި ދަނޑިން މުޒާހަރާގެ ބައިވެރިންނަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށާއި، 200 އެއްހާ ދަރިވަރުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.

ނަމަވެސް މިވާހަކަތައް ދިއްލީގެ ފުލުހުން ދޮގުކޮށް ބުނެފައިވަނީ ބޭނުންކުރީ އެންމެ ކުޑަ ބާރު ކަމަށެވެ.

މި މަހުގެ ހަތަރުވަނަ ދުވަހު އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުން ފާސްކުރި ރަށްވެހިކަމުގެ ޤާނޫނާއެކު އިންޑިއާގައި ދިރިއުޅެމުން އަންނަ 200 މިލިއަނެއްހާ މުސްލިމުންނަކީ އަމިއްލަ ޤައުމުގައި ޤަވާއިދާ ޚިލާފަށް އެތެރެވެފައިވާ ބައެއް ކަމަށް ވުމުގެ ބިރު ވަނީ ހީވާން ފަށާފައެވެ.