ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށް ފިޔާގެ އާ ޝިޕްމަންޓެއް ގެނެސް، އެސްޓީއޯއިން ފިޔާ ކިލޯއެއް 40ރ. އަށް ވިއްކަން ފަށައިފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިޔާގެ އަގު ބޮޑުވުމުގެ ސަބަބުން އެކަން ހައްލު ކުރުމަށް އިންޑިއާއިން ފިޔާގެ އާ ޝިޕްމަންޓެއް ގެނެސްފައިވާކަމަށާއި، އޭގެ ސަބަބުން ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Ad
rt

އެސްޓީއޯއިން ބުނީ އެ ކުންފުނިން ފިޔާ ވިއްކާއިރު ބަސްތާ ވަކިން ނުވިއްކާނެ ކަމަށެވެ. ފިޔާ ވިއްކާއިރު އެއްވެސް ލިމިޓެއް އަދި ކަނޑައަޅާފައި ނުވާ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ފިޔާ ކިލޯއެއް 40ރ. އަށް ވިއްކާއިރު މިހާރު ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު ވަނީ 70ރ. އަށް އަރައިފަ އެވެ. އަދި ބަސްތާއެއްގެ އަގު ވަނީ 1200ރ އަށް އަރައިފަ އެވެ. މިއީ އިންޑިއާގައި ފިޔާގެ އަގު ބޮޑުވުމުގެ ސަބަބުން އައި ބަދަލުތަކެއް ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެކުރާ ގައުމެވެ. އެ ގައުމުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރެވޭނެ ކަމަށް ލަފާ ކޮށްފައިވަނީ އަންނަ އަހަރުގެ ޖެނުއަރީގަ އެވެ.