ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުލްސައްތާރުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަހުމަދު ނިހާދު އަބްދުލް ސައްތާރު ޕީޕީއެމަށް ސޮއިކޮށްފިއެވެ.

ނިހާދު ޕީޕީއެމަށް ސޮއިކުރި ފޯމް ހަވާލުކޮށްފައި ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފަށެވެ. ނިހާދު ޕީޕީއެމާ ގުޅި، އިދިކޮޅު ކެންޑިޑޭޓް ޑރ.މުއިއްޒަށް ތާއީދު ކުރައްވަން ނިންމެވި އިރު، އަނަސް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކުގައެވެ.

Ad
rt

އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކަން ކުރެއްވި އަނަސް އަށް ސްޓޭޓް މިނިސްޓަރު ކަން ދެއްވީ މާލޭ މޭޔަރު ކަމަށް ބޭފުޅަކު ހޮވުމަށް ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޑރ. މުއިއްޒުއާއި ވާދަކުރައްވާ ނާކާމިޔާބުވި ފަހުންނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ރައީސް ސޯލިހާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. މިިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އޭނާ ވަނީ ލައްކައަކަށް ވުރެ ގިނަ ވޯޓު ހޯއްދަވައިފައެވެ. މުއިއްޒާ ވާދަކުރެއްވި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 85،000 އަށް ވުރެ ގިނަ ވޯޓެވެ. އެކަމަކު، އެއްވެސް ކެންޑިޑޭޓަކަށް %50 އަށް ވުރެ އިތުރަށް ވޯޓު ލިބިވަޑައިގެންފައި ނުވާތީ ދެވަނަ ބުރެއް ބާއްވަން ވަނީ ޖެހިފައެވެ.

ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ގައެވެ.