ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެގިނަ ވޯޓު ހޯއްދަވައިގެން އިންތިހާބުގެ ދެވަނަ ބުރަށް ވަޑައިގެންނެވި ޕީއެންސީ، ޕީޕީއެމްގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޓީމުން ދޮރުން ދޮރަށް ހަރަކާތް މިއަދު ފެށުމަށް ނިންމައިފިއެވެ.
އެ ކޯލިޝަނުން ބުނީ ދެވަނަ ބުރުގައި މުއިއްޒުއަށް ކާމިޔާބީ ހޯދައިދިނުމަށް ކެމްޕެއިން ޓީމާއި ސަޕޯޓަރުން ވަނީ އަތުކުރި އޮޅައިލާފައި ކަމަށެވެ.
"އަޅުގަނޑުމެންގެ ޓީމުން މިވަނީ ކެމްޕެއިން އިތުރަށް ވަރުގަދަ ކުރުމަށް އަތުކުރި އޮޅާލާފަ. ހަ ގުނަ އިތުރަށް ވަރުގަދަކޮށް މި ފަށަނީ." އެ ކޯލިޝަނުން ބުންޏެވެ.
މީގެ އިތުރުން ކެމްޕެއިންގެ ކަންކަން ވަރުގަދަ ކުރުމުގެ ގޮތުން މާލޭގެ ކެމްޕެއިން ޓީމުތަކުގެ އިސްބޭފުޅުންނާ ވެސް މޭޔަރު މުއިއްޒު މިއަދު ވަނީ ބައްދަލުކުރައްވާފައެވެ.
ދޮރުން ދޮރަށް ހަރަކާތް މިއަދު ފަށާއިރު، އިންތިހާބުގެ ދެވަނަ ބުރުގައި ޕާޓީތަކާއި ކޯލިޝަން ހެދުމަށް މަޝްވަރާ ކުރަމުން އަންނަކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
އާތިފިޗަލް ބީޗުގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި މުއިއްޒު ވަނީ ސިޔާސީ ޕާޓީތަކާއި ޕާޓީތަކުގެ ލީޑަރުންނަށް އޭނާއާއި އަތު ހިފުމަށް ދައުވަތު ދެއްވާފައެވެ.
ސެޕްޓެމްބަރު 9 ވީ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން އެންމެ ގިނަ ވޯޓާއެކު މުއިއްޒު ކުރި ހޯއްދެވީ ވޯޓުލީ މީހުންގެ %46.06 ވޯޓާއެކުއެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހަށް ލިބިވަޑައިގަތީ %39.05 ވޯޓެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި 50 އިންސައްތައަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ލިބިފައިނުވާތީ، ރާއްޖޭގެ ވެރިކަމުގައި ކުރިއަށް އޮތް ފަސް އަހަރު ހުންނަވާނެ ބޭފުޅަކު އައްޔަންކުރަން ޖެހޭނީ ދެވަނަ ބުރެއްގައި ވޯޓުލާށެވެ. އެގޮތުން ދެވަނަ ބުރުގައި މުއިއްޒު އާއި ސާލިހު ވާދަކުރައްވާއިރު، މި ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!