މި މަހުގެ ފަހުކޮޅު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަލި ކުރުމަށްޓަކައި އެކުގައި މަސައްކަތް ކުރުމަށް ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ދައުވަތު ދެއްވައިފިއެވެ.

"ޝުކުރިއްޔާ ދިވެހިން" ނަމުގައި އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގަންނަވަނީ އެއްވެސް މީހަކު ބާކީ ނުކޮށް، އެންމެންނަށް ވެސް ހަމަހަމަކަމާއި ލޯތްބާއި ކުލުނާ އެކީގައި ތަރައްގީ ގެނެސްދިނުމަށް ކަމަށެވެ. އެހެންވެ، އެގޮތް އެދޭ ކޮންމެ ސިޔާސީ ލީޑަރަކު ވެސް، ދެވަނަ ބުރުގައި އޭނާއާ އެކު މަސައްކަތް ކުރެއްވުމަށް ދައުވަތު ދެއްވިއެވެ.

Ad
rt

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި މުއިއްޒު ވަނީ 100،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައެވެ. އޭނާއާ ވާދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 85،000 އަށް ވުރެ ގިނަ ވޯޓެވެ. ރިޔާސީ އިންތިހާބުގައި ދެން ވާދަކުރެއްވި ކެންޑިޑޭޓުންނާ މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ. މުއިއްޒު ވެސް ވަނީ އެ ބޭފުޅުންނާ އެކީގައި މަސައްކަތް ކުރައްވަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު އެހެންވީމަ ގޮވާލަން އިއްޔެގެ އިންތިހާބުގައި ވާދަކުރައްވާފައިވާ އެހެން ހުރިހާ ސިޔާސީ ޕާޓީތަކަށާއި އެހެން ހުރިހާ ސިޔާސީ ލީޑަރުންނަށް އަޅުގަނޑުމެންނާ އެކީގައި ވަޑައިގެންދެއްވުމަށް. މި ވަރުގަދަ ގައުމީ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް ވަރަށް އިހުލާސްތެރިކަމާ އެކީގައި ދައުވަތު އަރުވަން" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އިސް ކުރައްވާނީ ރަހްމަތްތެރިކަމުގެ އަތެވެ. މި ދިއްކުރާ އަތުގައި އެދެން ގައުމު ދެކެ ލޯބިވާ ހުރިހާ ސިޔާސީ ވެރިން ހިފަން އެދިވަޑައިގެންނެވިއެވެ.

މުއިއްޒު ވިދާޅުވީ ގައުމު މިހާރު މިދާ ގޮތަށް ދާން ދޫކޮށްލަން ބޭނުން ނުވާކަން ދިވެހި ރައްޔިތުން އިއްޔެ ބުނެފައިވާ ކަމަށެވެ. ގައުމުގެ މިނިވަން ކަމާއި ސިޔާސަތާއި އިސްތިގުލާލު ހިޔާތް ކުރުމަކީ ކޮންމެ ސިޔާސީ ލީޑަރަކަށްވެސް ކޮންމެ ސިޔާސީ ޕާޓީއަކަށްވެސް އެންމެ މުހިންމު ކަންތައް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ބޭރުގެ ސިފައިން ތިބިކަމީ ހުރިހާ ސިޔާސީ ވެރިން އެއްބަސްވާ ކަމެއް ކަމަށާއި، އަދި މިނިވަންކަން ގެއްލޭ އެތައް ކަމެއް ހުރިއިރު މިކަންކަމުން އަރައިގަތުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ދިވެހި ރައްޔިތުން ކުޑަ ހިތްވަރެއްލައި އިންތިހާބު ބޮޑުތަނުން ކާމިޔާބުކޮށް މިގައުމު ދިވެހިންގެ ރާއްޖެއަށް ގެންދިއުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއްކޮށް ދެއްވުމަށް މުއިއްޒު ވަނީ ދިވެހި ރައްޔިތުންނަށް ވަނީ ގޮވާލައްވައިފައެވެ.