އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން އެ ދެ ޕާޓީން ގުޅިގެން މާލޭގައި ރެލީއެއް ބާއްވަން ނިންމައިފިއެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ "ޝުކުރިއްޔާ ދިވެހިން" ނަމުގައި ބާއްވާ ހާއްސަ ރެލީއެއް މިރޭ 8:45 ގައި އާޓިފިޝަލް ބީޗުގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި މި ރެލީގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އާއި ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެންމެ ގިނަ ވޯޓު ހޯއްދަވާފައި ވަނީ މުއިއްޒެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރެއްވީ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހެވެ. މުއިއްޒަށް ލައްކައަކަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ސޯލިހަށް 85،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ. ތިން ވަނަ އަށް ދިޔައީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު، ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށެވެ. އިލްޔާސް އަށް ވަނީ 15،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއެވެ.
މި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް 6،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއެވެ. ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް 5،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫނަށް ހޯއްދެވުނީ 3،000 ވޯޓެވެ. އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމަށް 1،700 އަށް ވުރެ ގިނަ ވޯޓު ހޯއްދެވުނު އިރު، އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަން ޒަމީލަށް ލިބިވަޑައިގަތީ 355 ވޯޓެވެ.
ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް %50 އަށް ވުރެ މަތިން ވޯޓު ލިބިވަޑައިގެންފައި ނުވާތީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުގެ މެދުގައި ބާއްވާ އިންތިހާބުގެ ދެވަނަ ބުރު މި މަހުގެ 30 ގައި އޮންނާނެއެވެ. އެ އިންތިހާބުގައި ވާދަކުރައްވާނީ ރައީސް ސޯލިހާއި މުއިއްޒެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!