މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް ކާމިޔާބު ނުލިބި، ދެވަނަ ބުރަކަށް ދާން ޖެހިއްޖެއެވެ.

އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވެސް ބުނަމުން ދިޔަނަމަވެސް އެއްވެސް ކެންޑިޑޭޓަކަށް 51 އިންސައްތަ ވޯޓު ހޯދިފައެއް ނުވެއެވެ.

Ad
rt

އެހެންވެ، ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަކަށް ދާންޖެހިފައިވާއިރު، ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުން އެންމެމަތިން ނަތީޖާ ހޯއްދެވި ދެ ކެނޑިޑޭޓުން ކަމަށްވާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސާލިހާއި ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ މިހައިތަނަށް ދައްކާގޮތުން ސާލިހަށް 70،000 އަށްވުރެ ގިނަ ވޯޓު ލިބިލެއްވިއިރު، ޑރ. މުއިއްޒު އަށް ވަނީ 80،000 އަށްވުރެ ގިނަ ވޯޓު ލިބިލައްވާފައެވެ.

މި އިންތިހާބުގައި ވާދަކުރެއްވި އެހެން ކެންޑިޑޭޓުންގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށްތިން ޕަސެންޓު ވޯޓު ލިބިވަޑައިގެންނެވިއިރު، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ތިން ޕަސެންޓު ވޯޓު ހޯއްދަވާފައެވެ. އަދި ފާރިސް މައުމޫނާއި މުހައްމަދު ނާޒިމާއި ހަސަން ޒަމީލަށް ލިބުނު ވޯޓު އެންމެ ޕަސެންޓަކަށް ވެސް ނާރައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަންޖެހިއްޖެނަމަ، މި ސެޕްޓެމްބަރު 30 ވަނަ ދުވަހު ބާއްވާނެ ކަމަށެވެ.

މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 282,395 މީހުންނަށް ލިބޭއިރު، ވޯޓުލީ ގާތްގަނޑަކަށް 75 ޕަސެންޓު މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އަދި އެއީ ގާތްގަނޑަކަށް 211،796 މީހުން ކަމަށް ވެސް ވިދާޅުވެއެވެ.

އެހެންކަމުން މިއީ ރިޔާސީ އިންތިހާބެއްގައި އެންމެ މަދުން ވޯޓު ދިން ފަހަރެވެ.