ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް އެ އިދާރާ އިން ވިދާޅުވެއްޖެއެވެ.

އެ އިދާރާ އާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާސީ އިންތިހާބުގެ ކޮމާންޑަރ ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު ވިދާޅުވީ އިންތިހާބާއި ގުޅިގެން ކުރިމަތިވެދާނެ ހާދިސާތަކަށް ފުލުހުން ފުރިހަމައަށް ތައްޔާރުވެ، އެލާޓު ލެވެލް ވެސް މަތިކޮށްފައިވާ ކަމަށެވެ.

Ad
rt

އިންތިހާބުގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިހާރު ހުރިހައި ސަރަހައްދަކަށް ފުލުހުން ފޮނުވާ ނިންމާފައިވާކަން ހާމަކުރައްވާ އޭނާ ވިދާޅުވީ ވޯޓުލަން ފަށާ ހިސާބުން ފެށިގެން ވޯޓުގެ ނަތީޖާ އިއުލާންކުރުމާއި އޭގެ ފަހުން ވެސް ދިމާވެދާނެ ހާދިސާތަކަށް ފުލުހުން ތައްޔާރަށް އޮތް ކަމަށެވެ.

އޭނާ ވިދާޅުވީ އިންތިހާބާއި ގުޅިގެން ކުރިމަތިވާ ކޮންމެ ކަމަކަށް އެޓެންޑުވުމަށް ފުލުހުން ތައްޔާރު ކަމަށާއި ފުލުހުން ނެތް އެއްވެސް ރަށެއް ނޯންނާނެ ކަމަށެވެ. އަދި އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ފުރަތަމަ ވާހަކަ ދައްކައިގެން އެ މައްސަލައެއް ހައްލުކުރާނެ ކަމަށެވެ.

މީގެ އިތުރުން އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އާންމުންނަށް 119 އަށް ގުޅާ އެ މައުލޫމަތު ހިއްސާ ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޝާކިރު ވަނީ އިންތިހާބުގެ ހުރިހައި ކަންކަމެއް ސުލްހަވެރިކަމާއި އަމާންކަމާއި ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ވޯޓުލުމަށް ދާއިރު، ކޮންމެހެން ގެންދަން ޖެހޭ އެއްޗެހި ގެންދިޔުމަށް ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.