ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނަ ދުވަހު ޖަގަހަތަކުގެ އެތެރޭގައި އިދާރީ މީހުން، އިދާރީ މަސައްކަތް ކުރުމުގައި ތިބެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ބުނެފިއެވެ.
މިއަދު އިރުއޮއްސި ހަޔަކުން ފެށިގެން އާދިއްތަ ދުވަހު ހަޔަކަށް ޖަގަހަތަކުގައި އެއްވެސް ކަމެއް ކުރުމަކީ މަނާ ކަމެކެވެ.
އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ހަބީބް ވިދާޅުވީ އެ ނިންމުމާ ގުޅިގެން ސިޔާސީ ބޮޑެތި ޕާޓީތަކުގެ ކަންބޮޑުވުންތައް ލިބިފައިވާ ކަމަށެވެ. ގައުމީ ލަފާ ދޭ ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި އީސީން ނިންމި ނިންމުމަކާ ގުޅިގެން ސިޔާސީ ޕާޓީތަކާ އެކުގައި މަޝްވަރާ ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އީސީގެ އެ ނިންމުން ބަދަލުކޮށް ޖަގަހަތަކުގެ ތެރޭގައި އިދާރީ މީހުންނަށް، އިދާރީ މަސައްކަތް ކުރުމުގައި މިހާރު ތިބެވޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ. ނަމަވެސް ކެމްޕެއިން ކުރުމުގެ ޒާތުގެ އެއްވެސް ކަމެއް ޖަގަހަ ކުރުމަކީ މަނާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ މިފަދަ ކަންކަމަށް އީސީން އެއްބަސްވަނީ އިންތިހާބުގެ ކަންކަން ވީހާވެސް އަމާންކަމާއި އޮމާންކަމާއެކީގައި ގެންދިއުމަށްޓަކައި ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ މާދަމާ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށެވެ. ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.
ރިޔާސީ އިންތިހާބުގައި މި ފަހަރު ވޯޓުލުމުގެ ހައްގު 282،395 މީހުންނަށް ލިބޭއިރު، ޖުމްލަ 574 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
އޭގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުގައި 176 ފޮއްޓާއި އަތޮޅު ތެރޭގައި 319 ފޮއްޓާއި ރިސޯޓުތަކުގައި 65 ފޮއްޓެވެ. އަދި ރާއްޖެއިން ބޭރުގައި 8 ފޮއްޓާއި ޖަލުތަކާއި ސިނާއީ ރަށްރަށުގައި 6 ފޮއްޓި ބަހައްޓާނެއެވެ.
ރާއްޖެއިން ބޭރުގެ ގައުމުތަކުގެ ތެރެއިން ވޯޓުފޮށު ބަހައްޓަނީ އިންޑިޔާ، ސްރީލަންކާ، މެލޭޝިޔާ އަދި އިނގިރޭސިވިލާތުގެ ލަންޑަނާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް ގައެވެ.
ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަންތަނަކަށް ރަޖިސްޓްރީވާން 40،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާއިރު، އޭގެތެރެއިން 35،849 މީހުންގެ ފޯމް ބަލައިގަނެ ރީރެޖިސްޓާ ވަނީ ކޮށްފައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން މާދަމާ ކުރިއަށްދާއިރު، ދެ ވަނަ ބުރަކަށް ދާންޖެހިއްޖެނަމަ، އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައި ވަނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!