މާދަމާ ބާއްވާ ރިޔާސީ އިންތިހާބަކީ މިނިވަނ،ް އިންސާފުވެރި އަދި ދެފުށްފެންނަ އިންތިހާބަކަށް ހެދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ކަމާއިގުޅުން ހުރި ހުރިހައި އިދާރާތަކުގެ ކިބައިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އެދިލައްވައިފިއެވެ.
އެ އިދާރާ އިން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އިންތިހާބުގެ ކުރީގެ ހާލަތު ދެނެގަތުމަށް މިހާތަނަށް މި ކޮމިޝަނުން ގިނަގުނަ މަސައްކަތްތަކެއް ކުރިއަށްގެންގޮސްފައިވާ ކަމަށާއި އެެގޮތުނ، އިންތިހާބާއި ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކާ އަދި އުސޫލުތައް ރިވިއުކުރުން ހިމެނޭ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނާއި ކަމާގުޅުންހުރި އެހެނިހެން މުއައްސަސާތަކުން އިންތިހާބާއި ގުޅުންހުރި އިންތިޒާމްތައް ހަމަޖައްސާފައިވާ ގޮތް ދެނެގަތުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
މީގެ އިތުރުން އެ ކޮމިޝަނާއެކު މަސައްކަތްކުރަމުންދާ އޮބްޒާވަރުން މެދުވެރިކޮށް ޖުލައި 26 ން ސެޕްޓެމްބަރު 7 ވަނަ ދުވަހާ ހަމައަށ،ް އޮންލައިން ފޯމެއް މެދުވެރިކޮށް ރާއްޖޭގެ 16 ރަށަކުން ކޮންމެ ހަފްތާއަކު އެއްފަހަރު އިންތިހާބުގެ ހާލަތާއިގުޅޭ މައުލޫމާތު ހޯދާފައިވާނެ ކަމަށާއި ކޮމިޝަނުގެ ފަރާތުން ރާއްޖޭގެ 14 ރަށަކަށް ޒިޔާރަތްކޮށް، ރަށުފެންވަރުގައި ގާއިމުކޮށްފައިވާ މުއައްސާތަކާއި އިލެކްޝަންސް ކޮމިޝަނުން އެރަށްރަށަށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓުންނާއި މަދަނީ ޖަމިއްޔާތަކާއި އާންމު ރައްޔިތުންގެ ފަރާތުން މައުލޫމާތު ހޯދާފައިވާނެ ކަމަށް އެޗްއާރްސީއެމް އިން ވަނީ ވިދާޅުވެފައެވެ.
އެ އިދާރާ އިން ވިދާޅުވީ މި ރަށްތަކަށްކުރި ޒިޔާރަތުގައި ކޮމިޝަނުން އިންތިހާބާ ގުޅޭ ހާލަތު ދެނެގަތުމަށް ތައްޔާރުކޮށްފައިވާ އޮންލައިން ފޯމުތައް މެދުވެރިކޮށް 244 ފަރާތަކުން މަޢުލޫމާތު ހޯދާފައިވާނެ ކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކާއ،ި އަމިއްލަގޮތުން ބައިވެރިވާ ކެންޑިޑޭޓުންގެ މަންދޫބުންނާއި މަދަނީ ޖަމިއްޔާތަކާ ބައްދަލުކޮށްގެން ވެސް މައުލޫމާތު އެއްކޮށްފައިވާނެ ކަމަށް ވިދާޅުވެއެވެ.
ހަމަމިއާއެކު އިންތިހާބަށް އިއުލާންކުރި ތާރީހުގެ ފަހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮށްފައިވާ މުޒާހަރާތަކާއ،ި އާންމު އެއްވުންތަކާއ،ި އިހުތިޖާޖުތައް މޮނިޓަރކޮށް ހާލަތު ބެލި ކަމަށާއި މީޑިއާތަކުން ރިޕޯޓުކުރާ އިންތިހާބާއި ގުޅުންހުރި ޚަބަރުތަކާއި މައުލޫމާތު ވެސް ޖޫން 1 ވަނަ ދުވަހުން ފެށިގެން މި ކޮމިޝަނުން މޮނިޓަރކުރަމުން ގެންގޮސްފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.
އެ ކޮމިޝަނުން ވިދާޅުވީ މޮނިޓަރިން މަސައްކަތްތަކުން ފާހަގަވަމުންދިޔަ ކަންކަމަށް ރިއާޔަތްކޮށ،ް އަވަސް ހައްލެއް ގެންނަން ފެންނަ ކަންކަން މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ރިޔާސީ އިންތިހާބުގެ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތަކުގައާއި މުއައްސަސާތަކާއެކު އެ ކޮމިޝަނުން ކުރިއަށް ގެންދިޔަ ބައްދަލުވުންތަކުގައި ވާނީ ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި މިހާތަނަށް ކޮމިޝަނުން ރިވިއުކޮށްފައިވާ ކަންކަމާއ،ި ހާލަތު ބެލުމުގެ މަސައްކަތްތަކުން ފާހަގަވެފައިވާ ކަންކަމާއި ވޯޓުލާ ދުވަހުން ފެށިގެން ވޯޓުގެ ވަގުތީ ނަތީޖާ އިއުލާނުކުރުމާއި ހަމައަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އޮބްޒަވޭޝަން މަސައްކަތްތަކަށް ބިނާކޮށް އެކުލަވާލާ ތަފްޞީލީ ރިޕޯޓެއް ސެޕްޓެމްބަރު 20 ވަނަ ދުވަހު އާންމުކޮށ،ް ކަމާއި ގުޅުންހުރި އިދާރާތަކާ ހިއްސާކުރުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ކުރިއަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި މި ރިޕޯޓު ޢާންމުކޮށ،ް ގުޅުންހުރި އިދާރާތަކާ ހިއްސާކުރާނީ އޮކްޓޫބަރު 10 ވަނަ ދުވަހު ކަމަށް ވެސް އެޗްއާރްސީއެމް އިން ވިދާޅުވެއެވެ.
އެޗްއާރްސީއެމް އިން ވަނީ މި އިންތިހާބަކީ މިނިވަނ،ް އިންސާފުވެރި އަދި ދެފުށްފެންނަ އިންތިހާބަކަށް ހެދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް
ކުރުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކުގެ ކިބައިން އެދިލައްވާފައެވެ. އަދި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ އެންމެހާ ފަރާތްތަކުން
މި ހައްގުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައ،ި ނުފޫޒުން އެއްކިބާވެތިބެ ވޯޓު ލުމުގެ މުހިއްމުކަން ވެސް ވަނީ ހަނދުމަކޮށްދީފައެވެ.
މީގެ އިތުރުން އިންތިހާބު އޮންނަދުވަހު އިލެކްޝަންސް ކޮމިޝަނާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށާއި އާންމު މަސްލަޙަތު ގެއްލޭ ފަދަ އެއްވެސް ކަމަކަށް އެއްވެސް ފަރާތަކުން އަރައިނުގަތުމަށް ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!